ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ހާއްސަ "ރިވެލި އެވޯޑު 2026" ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުންނާއި، ސަރުކާރުގެ "އޯގާތެރި މުޖުތަމައު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މި މުހިންމު ގައުމީ ހަރަކާތުގައި މިއަހަރު ޖުމްލަ 6 ދާއިރާއަކުން 25 ފަރާތަކުން ނަން ހުށަހެޅިއެވެ. އޭގެ ތެރެއިން މިއަހަރުގެ އެވޯޑު ހާސިލުކޮށްފައިވަނީ ޖުމްލަ 8 ފަރާތަކުންނެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން ހދ. ކުރިނބި ރިހިވެލި އަލީ ސަމީމާއި، ސ. މަރަދޫ އަސްރުމާގެ މުހައްމަދު ނާހިލް ސަލާމްގެ އިތުރުން ހ. ޝަފީގުގެ އާއިޝަތު ޝަފީގު ވަނީ އެވޯޑު ހާސިލުކޮށްފައެވެ. އަދި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ދާއިރާއިން ށ. ބިލެތްފަހި ހަވީރީނާޒް އަބްދުއްރައްޒާގު އަބްދުއްސަމަދު އެވޯޑު ހޯއްދެވިއިރު، ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން އެވޯޑު ލިބުނީ އަމީނިއްޔާ ސްކޫލަށެވެ.
މީގެއިތުރުން ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ހދ. ކުޅުދުއްފުށި އަލްފާ ފާތިމަތު މުހައްމަދު އެވޯޑު ހާސިލުކުރެއްވިއިރު، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާއިން އެވޯޑު ހޯދާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.
މި ހަފްލާގައި، ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލުކުރުމާ ގުޅިގެން، ށ. ކޮމަންޑޫ އެންދެރިމާގެ އިސްމާއީލް ރާހިލްއަށް މިނިސްޓްރީގެ ތާރީހީ ހާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.
މިފަދަ ގައުމީ އިނާމުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، މުޖުތަމައުގައި އެފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން ފުޅާވެ، އެންމެން ޝާމިލުވާ އޯގާތެރި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.




