މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މި މަހުގެ 22 ވަނަ ދުވަހު ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026" ގައި ދިވެހި ޝެފް މަހާ ނަސީރު ވަނީ "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން" ހާސިލުކުރައްވާފައެވެ. މި ފަހުރުވެރި އެވޯޑު މަހާ ނަސީރު ހާސިލުކުރެއްވީ ކުއާލަލަމްޕޫރުގެ އަންޑަމަން ގްރޭންޑް ބޯލްރޫމްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.
ދުނިޔޭގެ މަޝްހޫރު ޝެފުންނާއި ކާބޯތަކެތީގެ ސިނާއަތުގެ ފުންނާބުއުސް ފަރާތްތައް ބައިވެރިވި މި ރަސްމިއްޔާތަކީ، ވޯލްޑް ގޯމޭ މެލޭޝިއާއިން 2017 ވަނަ އަހަރުން ފެށިގެން ކަލިނަރީ ދާއިރާގެ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމަށް ހިތްވަރު ދިނުމަށް ބާއްވަމުން އަންނަ ހަފްލާއެކެވެ. މި އަހަރުގެ ހަފްލާގައި ޝެފުންނާއި، ރެސްޓޯރެންޓްތަކާއި، ފުޑް ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް އެވޯޑު ދީފައިވެއެވެ.
ޝެފް މަހާ ނަސީރަކީ ދިވެހި ކާބޯތަކެއްޗާއި ކެއްކުމުގެ ދާއިރާ ބައިނަލްއަގްވާމީ ފެންވަރުގައި ރީތިކޮށް ތަމްސީލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން 2022 ވަނަ އަހަރު "މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް" އިން ދޭ "މާސްޓަރ ޝެފް" ގެ ލަގަބު އެކަމަނާ ހާސިލުކުރެއްވިއެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޝެފުންގެ ޖަމިއްޔާ (ވެކްސް) ގެ ކޮންޓިނެންޓަލް ޖަޖެއްގެ މަގާމުވެސް އޭނާ އަދާކުރައްވާފައި ވެއެވެ. މިހާރު މަހާއަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޝެފް މަހާ ނަސީރު ހޯއްދެވި މި ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަން ދުނިޔެއަށް ދައްކުވައިދީ، ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަގުބޫލުވެގެންދިޔުމަށް އެޅުނު ވަރަށް މުހިންމު އަދި ފަހުރުވެރި ފިޔަވަޅެކެވެ. މި ކާމިޔާބީއާއެކު ދިވެހި ކަލިނަރީ ދާއިރާއަށް ބައިނަލްއަގްވާމީ މަންސަތަކުގައި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.





