މެލޭޝިއާގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދިޔަ ދިވެހި އަންހެން ދަރިވަރަކު، މިރޭގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާގައި ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް (21އ) އެވެ. އިމީލީއަކީ މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.
މި ހާދިސާ ހިނގާފައި ވަނީ އިމީލީ އާއި އިތުރު ދިވެއްސަކު ޝޮޕިންގ މޯލަކަށް ގޮސް، އެނބުރި ދިރިއުޅޭ ގެއަށް ދިޔަ މަގުމަތީގައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބު މެލޭޝިއާ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ހާދިސާ ހިނގި ވަގުތު އެ ކާރުގައި އިން އިތުރު ދިވެއްސަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
އަނިޔާވި ފަރާތަށް މިހާރު ދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައި ކަމާބެހޭ ފަރުވާ ދެމުންނެވެ.
ދިވެހި ސަރުކާރުގެ ރަސްމީ އިދާރާތަކުންނާއި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން (އެމްބަސީން) ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އަދި ނިޔާވި ކުއްޖާގެ އާއިލާއަށް ބޭނުންވާ އިދާރީ އަދި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ދަނީ ކުރަމުންނެވެ.



