ފޯރިގަދަ އަދި ވާދަވެރި ކުޅުމަކަށްފަހު 3-5 ގެ ނަތީޖާއަކުން ހަވިއްތަ ސްޕޯޓްސް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ޓީމް އީސީން ހޯދައިފިއެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ އަދި ފެންވަރު ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޓީމް އީސީންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އަހްމަދު ހުސާމްއެވެ. ހުސާމް ވަނީ މި މެޗުގައި ހިތްވަރުގަދަ ކުޅުމަކާއެކު ހެޓްރިކް ފުރިހަމަކޮށް، ޓީމުގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެއިތުރުން ޓީމް އީސީގެ އަނެއް ދެ ގޯލު ޖަހައިދިނީ އަންސަރު އިބްރާހީމާއި މުހައްމަދު ނަޒާމްއެވެ.
ހަވިއްތަ ސްޕޯޓްސް އިން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުގައި އެ ޓީމަށް ތިން ގޯލު ކާމިޔާބު ކުރެވުނެވެ. އެގޮތުން އެ ޓީމުގެ ހުސައިން ގައްސާން ލަބީބް (ހުސީ) ވަނީ ދެ ގޯލު ޖަހައިދީފައެވެ. އަދި ހަވިއްތަގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމްއެވެ. ނަމަވެސް މެޗުގެ ވަގުތު ހަމަވީއިރު ހަވިއްތައަށް ނަތީޖާ އެއްވަރުކުރެވޭ ގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު ޓީމް އީސީން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށް، ޝަރަފުވެރި ތަށި އުފުލާލާފައެވެ. އަދި ހަވިއްތަ ސްޕޯޓްސްއަށް މިފަހަރު ޖެހުނީ ރަނަރަޕްގެ މަގާމުން ފުއްދާލާށެވެ.
މި މުބާރާތަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށާއި، މެލޭޝިއާގެ ވިސާ އޮންނަ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރެއްގައި ވެސް ކުރިއަށްގެންދާ މުބާރާތެކެވެ.



