ކުޅިވަރުގެ ފޯރިގަދަ މާހައުލެއްގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ނިމި، ފައިނަލުގެ ޖާގަތައް ޓީމުތަކުން ކަށަވަރުކޮށްފިއެވެ. ބޮޑު ތަފާތަކުން އެފްސީ ރޮދި ބޮޓްސް ބަލިކޮށް ހަވިއްތަ ސްޕޯޓްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު، ހަވިއްތަ ޖޫނިއަރސް ވަނީ ސެމީ ފައިނަލުގައި ބަލިވެ މުބާރާތުން ކަޓާފައެވެ.
ހަވިއްތަ ސްޕޯޓްސް އާއި އެފްސީ ރޮދި ބޮޓްސް ބައްދަލުކުރި ފޯރިގަދަ ސެމީ ފައިނަލް މެޗު ހަވިއްތަ ސްޕޯޓްސް ކާމިޔާބުކުރީ ފަހަތުން އަރައި 7-2 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ރޮދި ބޮޓްސްގެ ސާލިފް ހުސައިންއެވެ. ނަމަވެސް، ހަވިއްތަ ސްޕޯޓްސްގެ ހުސައިން ގައްސާން ލަބީބް (ހުސީ) ވަނީ ހިތްވަރުގަދަ ކުޅުމަކާއެކު ހެޓްރިކް ފުރިހަމަކޮށް، އެ ޓީމަށް ލީޑު ނަގައިދީފައެވެ.
ހަވިއްތަގެ ހަތަރު ވަނަ ގޯލު ނާއިހް ނުފީދު (ނާހު) ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަސް ވަނަ އަދި ހަވަނަ ގޯލު ޖަހައިދިނީ ޒާދު މުހައްމަދު ހާލިދެވެ. މެޗުގެ ފަރަގު ކުޑަކުރުމަށް ރޮދި ބޮޓްސްގެ ދެވަނަ ގޯލުވެސް ކާމިޔާބުކުރީ ފުރަތަމަ ގޯލު ޖެހި ސާލިފްއެވެ. މި މެޗުގައި ހަވިއްތަ ސްޕޯޓްސްގެ ފަހު ގޯލު ޖަހައި ނަތީޖާ 7-2 އަށް ބަދަލުކޮށްލީ އަހުސަން އިބްރާހީމް (އަހޫ) އެވެ.
އަނެއްކޮޅުން، އަލަށް އުފެދުނު ޒުވާން ހަވިއްތަ ޖޫނިއަރސް ކުޅުނު ސެމީ ފައިނަލް މެޗުން އެ ޓީމު ވަނީ 2-0 ގެ ނަތީޖާއަކުން ޓީމް އީސީ އަތުން ބަލިވެފައެވެ. ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓީމް އީސީގެ ދެ ގޯލުވެސް ކާމިޔާބުކުރީ އެ ޓީމުގެ އަހްމަދު ހުސާމްއެވެ. މިއާއެކު ހަވިއްތަ ޖޫނިއަރސްއަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޑައިރުކޮޅެއްގެ ތެރޭގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ތައްޓަށް ވާދަކުރާ ފައިނަލް މެޗުގައި ބައްދަލުކުރާނީ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ހަވިއްތަ ސްޕޯޓްސް އާއި ޓީމް އީސީއެވެ. މި މެޗު ވެގެންދާނީ ދެ ޓީމުގެ ފަރާތުންވެސް ފެންވަރު ރަނގަޅު އަދި ވާދަވެރި ކުޅުމެއް ފެނިގެންދާނެ ފޯރިގަދަ ކުރިމަތިލުމަކަށެވެ.




