މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ "ސުބާންގް ކަޕް" ފުޓްސަލް މުބާރާތުގެ ފޯރިގަދަ ކުއާޓަރ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ގއ. ދެއްވަދޫގެ "ހަވިއްތަ ސްޕޯޓްސް" އަދި "ހަވިއްތަ ޖޫނިއަރސް" މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއަދު ކުޅުނު ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި ކްލަބް އީސީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި، ހަވިއްތަ ސްޕޯޓްސް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހަވިއްތަ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދިނީ ހުސައިން ގައްސާން ލަބީބް (ހުސީ) އަދި އަލީ އިބްރާހީމް (އައްޔަ) އެވެ.
ހަވިއްތަ ޖޫނިއަރސް ސެމީ ފައިނަލަށް ދަތުރުކުރީ ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށްފަހު އީސިއަން އަތުން 4-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ހަވިއްތަ ޖޫނިއަރސްގެ ލަނޑުތައް ޖަހައިދިނީ އަހްމަދު މުއާދް، ދެ ގޯލު ޖެހި ހާރޫން އިބްރާހީމް އަދި އަބްދުﷲ ސުޒައިރު އެވެ. ވާދަވެރި ކުޅުމެއް ދެއްކި އީސިއަން ޓީމުގެ ގޯލުތައް ކާމިޔާބުކުރީ މުހައްމަދު ހައްސާން އަހްމަދު، އަބްދުﷲ ޝައްފާން އަދި ރިލްވާން ވަހީދެވެ.
މި މުބާރާތުގައި ވާދަކުރި ހަވިއްތަގެ ދެވަނަ ޓީމު ކަމަށްވާ "އެޗްއެސް ޔުނައިޓެޑް" ވަނީ ކުއާޓަރ ފައިނަލުގައި ޓީމް އީސީ އަތުން 6-1 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތުން އަލްވަދާއު ކިޔަންޖެހިފައެވެ. އެ މެޗުގައި ޓީމް އީސީގެ ލަނޑުތައް ޖަހާފައިވަނީ ހުސައިން އަޒްވާން ލަބީބް (2 ގޯލު)، ހަސަން ސޮލާހް (2 ގޯލު)، މުހައްމަދު ނަޒާމް އަދި އަންސަރު އިބްރާހީމެވެ. މި މެޗުގައި އެޗްއެސް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު އަރީބް އަހްމަދެވެ.
ސެމީ ފައިނަލް މެޗުތައް އިރުކޮޅެއްގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ސެމީގައި ހަވިއްތަ ސްޕޯޓްސް ނިކުންނާނީ ވަރުގަދަ ޓީމް އީސީއާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީ ފައިނަލުގައި ހަވިއްތަ ޖޫނިއަރސް ބައްދަލުކުރާނީ އެފްސީ ރޮދި ބޮޓްސް އާއެވެ. މި މެޗުތައް ވެގެންދާނީ ފޯރިގަދަ އަދި ފެންވަރު ރަނގަޅު ކުރިމަތިލުންތަކަކަށެވެ.




