11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާއާއެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބެވެ. އަދި އަލްޓަސް އޮއިލް އެންޑް ގޭސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ ވިޖޭ ކޭ ޕިލާއީ އަދި ޑިރެކްޓަރ މުހައްމަދު ތައުފީގު ބިނޮތްމާންއެވެ.
މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތައް:
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ހދ. ހުޅުދެލި
- ށ. ކޮމަންޑޫ
- ކ. ގާފަރު
- އއ. ރަސްދޫ
- މ. މުލައް
- ގއ. މާމެންދޫ
- ގއ. ނިލަންދޫ
- ގއ. ވިލިނގިލި
- ގދ. ރަތަފަންދޫ
މި ރަށްރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ކެޕޭސިޓީ ހިމެނޭ އައިސްޕްލާންޓުތަކެކެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު ވިދާޅުވީ، ރާއްޖޭގައި މިވަގުތު 1,700 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް، މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މި މަޝްރޫއާއެކު އައިސް ލިބުމުގައި ހުރި ދަތިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މުޅި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައި. މަޝްރޫއުގެ ކޮންޓްރެކްޓަރ ވަނީ މި މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވާފައި"
މަޝްރޫއުގެ ތާވަލާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރުން ކުރުމަށް ނިންމާފައިވާ އަދި ހަވާލުކުރެވިފައިވާ ތަފްސީލީ މަސައްކަތްތަކުގެ ތެރޭގައި 30 ޓަނުގެ އައިސްޕްލާންޓެއް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސް ކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސްޕްލާންޓުގެ ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުން ކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ނިންމާފަވެއެވެ.
އޭގެ އިތުރުން އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމާއި، ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސް ކުރުމާއި، މަޝްރޫއު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެކަމަށް ހާމަކުރިއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ވޮރަންޓީއާއި އާފްޓާ-ސޭލްސްގެ ހިދުމަތްތައް ވިލަރެސްކުރުންވެސް ކުރިއަށްދާނެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫއު ނިމުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބި، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރަމުންނެވެ.






