ފަރުމަސް އާލާކުރުމުގެ ދާއިރާއިން ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތައް ބިނާކުރުމުގެ މަގްސަދުގައި ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ 4 ވަނަ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ގުޅިގެން، ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗަރ ކޯސް ކުރިއަށްދާނީ ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ. މި ކޯސް ކުރިއަށްދާނީ 2026 އޮކްޓޯބަރ 31 އިން 2026 ނޮވެމްބަރ 12 ގެ ނިޔަލަށެވެ. ޖުމްލަ 14 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމުގައި 15 ބައިވެރިންނަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި އެކްއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކަނާ އާލާކުރުމުގެ އިތުރުން ފާނައާއި ހުއިފިލަނޑާ ވިއްސައި ކުދިބޮޑުކުރުން ކިޔަވައިދޭނެއެވެ. އަދި މީގެ އިތުރުން ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުމާއި، އިތާމުތް އާލާކުރުމާއި، މޫދުވިނަ (ސީވީޑް) ހައްދައި އާލާކުރުމުގެ ތިއަރީ ހިމެނޭހެން، އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ރައްކާތެރިވުމުގެ ގޮތްތަކާއި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު ބައިތައް ވެސް މި ކޯހުގައި ހިމަނާފައިވެއެވެ.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމުގެ އިތުރުން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތައް އިންސްޓިޓިއުޓުން ހަމަޖައްސައިދޭނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޯބަރ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އައިޑީ ކާޑުގެ ކޮޕީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ނުވަތަ info@mmri.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ. ކަނޑައެޅިފައިވާ 15 ޖާގައަށްވުރެ އިތުރަށް ފޯމު ލިބިއްޖެނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3322242 ނުވަތަ 9555373 އަށް ގުޅުއްވުމަށް އެމް.އެމް.އާރް.އައި އިން އެދެއެވެ.




