މި ސަރުކާރުން ހަވާލުވެ، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރުން ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހެދުމެވެ.








