މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް، އެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން ވޯލްޑް ބޭންކުގެ އެހީގައި ތަމްރީން ޕްރޮގްރާމެއް ހިންގުމަށް މަސްވެރިކަމާ، ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިއުލާންކޮށްފި އެވެ. މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ މަސްވެރިކަމަށް އަލަށް ނުކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ.
މި ތަމްރީން ޕްރޮގްރާމުގެ ދަށުން މަސްވެރިކަމާބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށް ވުޒާރާއިން ހާމަކުރި އެވެ. ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ.
ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެލަވަންސެއް ލިބޭނެ ކަމަށް ވުޒާރައިން ހާމަކުރި އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމުގެ އިތުރުން، މިހާރު މަސްވެރިންގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތަކަށް ވުން ހިމެނެ އެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2026 ޑިސެންބަރު 03 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ޕްރޮގްރާމަކީ ޒުވާނުންނަށް ކަމާގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށާއި އަދި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ވުޒާރާގެ ނަންބަރުތަކާއި އީމެއިލް މެދުވެރިކޮށް ގުޅުމުގެ ފުރުސަތުވެސް ހުޅުވާލާއިފައިވާ ކަމަށް މަސްވެރިކަމާއި ބޭހޭ ވުޒާރާއިން ފާހަގަކުރި އެވެ.




