މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހާއްސަ ކުރެހުމުގެ މުބާރާތަކާއި އެގްޒިބިޝަނެއް ބޭއްވުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.
މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމަށް ޒުވާނުންގެ ބައިވެރިވުން" މި ޝިއާރުގެ ދަށުންނެވެ. އެ ވުޒާރާއިން ބުނީ، މިފަދަ ޝިއާރެއް ކަނޑައެޅުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގައްޔާއި، އެ ސިނާއަތުގެ މުސްތަގުބަލަށް ޒުވާނުންގެ ދައުރާއި ބައިވެރިވުން މުހިންމު މިންވަރު ހާމަކޮށްދިނުން ކަމަށެވެ.
މި މުބާރާތް މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:
- 12 އަހަރުން ދަށުގެ އުމުރުފުރާ
- 12 އަހަރުން މަތީގެ އުމުރުފުރާ
- ބައިނަލްއަގުވާމީ ބައިވެރިންގެ ދާއިރާ
މީގެ ތެރެއިން ބައިނަލްއަގުވާމީ ކެޓަގަރީ ހާއްސަކޮށްފައިވަނީ، ބޭރު ދުނިޔޭގެ ނަޒަރަކުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސަގާފަތާއި، މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި ސިފަކޮށްދޭ ފަންނީ އުފެއްދުންތައް ބައިނަލްއަގުވާމީ ފެންވަރުގައި ދައްކުވައިދިނުމަށެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި މުބާރާތުގެ ކޮންމެ ދާއިރާއަކުން އަދި ހުށަހަޅާ އާޓްވޯކްތަކުގެ ކޮންމެ ބާވަތަކުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި ހިނގާ ނޮވެމްބަރު މަހުގެ 25 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. އަދި އެގްޒިބިޝަނަށް ހުށަހަޅާ އާޓްވޯކްތައް އަންނަ ޑިސެމްބަރު މަހުގެ 6 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ވުޒާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރި އެވެ.




