މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ކެއްކުމުގެ ހާއްސަ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވަނީ މި ހިނގާ މަހުގެ 19 ވާ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރު ކަމަށްވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައި އެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ވެދޭ މުހިންމު ހިއްސާ ފާހަގަކުރުމާއެކު، މަހުގެ ބާވަތްތައް ބޭނުންކޮށްގެން އައު އުފެއްދުންތައް އުފެއްދުމަށް ހިތްވަރު ދިނުމަކީވެސް މި މުބާރާތުގެ މަގްސަދެއްކަމަށް ވެސް ވުޒާރާއިން ފާހަގަކުރި އެވެ.
މި އަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުން ތައްޔާރުކުރަން ޖެހެނީ ބޯވަދިލަމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ސްޓާޓާ އަކާއި، ކުރުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ މެއިން ކޯހެކެވެ.
މި މުބާރާތުން ވަނަވަނައަށް ހޮވޭ ޓީމުތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:
- އެއްވަނަ ޓީމަށް: 15،000 ރުފިޔާ
- ދެވަނަ ޓީމަށް: 10،000 ރުފިޔާ
- ތިންވަނަ ޓީމަށް: 7،000 ރުފިޔާ
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު (https://forms.gle/mhq59qjJrvNKdTkGA) މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި މުބާރާތާ ގުޅޭ އިތުރު މައުލޫމާތާއި ގަވާއިދު ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ވެސް އެ ވުޒާއިން ބުންޏެވެ.




