މެދުއިރުމަތީގެ ހަނގުރާމާއާ ގުޅިގެން މަސްވެރިންނަށް ދޫކުރަމުންދިޔަ ސަބްސިޑީގެ ނިޒާމު ހަރުކަށި ކުރމުގެ ގޮތުން "ފަހި ހަކަތަ" ޕޯޓަލް މެދުވެރިކޮށް ލިބޭގޮތް ހަމަޖައްސަން ނިންމާ، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ޕޯޓަލްއަށް ރަޖިސްޓްރީ ވުމަށް މަސްވެރިކަމާ ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މިއަހަރުގެ އެޕްރީލް 22އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފްއެސްއެމްގެ ޝެޑް ޤާއިމުކޮށްފައިވާ ހުރިހާ ސަރަހައްދަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ދޫކުރާ ތެލުގެ ސަބްސިޑީއަކީ މިވަގުތު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރަށް، "ފަހިހަކަތަ" ޕޯޓަލުން ވަކިން ރިކުއެސްޓެއް ފޮނުވުމަކާ ނުލައި ދޫކުރަމުންދިޔަ އިނާޔަތެކެވެ. ނަމަވެސް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ކުރިއަށްގެންދާނީ "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށެވެ. މި ބަދަލާއެކު، ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދުފަހަރަކުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ދެވޭ މި ސަބްސިޑީއަކީ މަސްވެރިކަން ކުރާ 17,000 އާއިލާގެ އާމްދަނީ ރައްކާތެރިކޮށް، މަހަށް ފުރުމަށް މަގުފަހިކުރުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ޑިއުޓީ އުނިކޮށްގެން ދޭ ޑީސަލްގެ އިތުރުން ދެވޭ ލުޔެކެވެ. ސަރުކާރުން ގެނައި ބަދަލުތަކާއެކު މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ކުރިން 4 ސަރަހައްދަކުން ދެމުން އައި މި ޚިދުމަތް މިހާރު ވަނީ 15 ސަރަހައްދަކަށް ފުޅާކޮށްފައެވެ.
މީގެއިތުރުން، އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި މިފްކޯއިން ތެޔޮ ދޫކުރާ މިންވަރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 އާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރުގެ ތެޔޮ ދޫކުރެއެވެ. މަސްވެރިންނަށް އިތުރު ލުއިފަސޭހައެއް ދިނުމުގެ ގޮތުން މިފްކޯއިން އެފްއެސްއެމްއާ ގުޅިގެން ކްރެޑިޓަށް ތެޔޮ ލިބޭނެ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. މި ނިޒާމުގެ ދަށުން މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ދެއްކުމުން ތެޔޮ އެޅޭނެ ކަމަށާއި، ތެލުގެ ފައިސާ ކަނޑަމުންދާނީ މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ދޭ ޕޭމަންޓުންނެވެ.









