މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ. ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ގާއިމުކުރި މި ފިހާރަ ހުޅުއްވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ މުހައްމަދު އަނަސްއެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި އެ ސިޓީގެ ގިނަ ރައްޔިތުން ބައިވެރިވިކަމަށް މިފްކޯއިން ހާމަކުރިއެވެ.
މިއީ ރާއްޖޭގެ ސިޓީތަކުގައި މަސްފިހާރަތައް ހުޅުވުމަށް ނިންމި ނިންމުމުގެ ދަށުން މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ ފިހާރައެވެ. މީގެ ކުރިން، މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައި މަސްފިހާރައެއް ހުޅުވިއެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.
އަލަށް ހުޅުވުނު މި ފިހާރައިގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ލުއި އަގެއްގައި މެދުނުކެނޑި ލިބިގެންދާނެކަމަށް މިފްކޯއިން ބުންޏެވެ. 1 އޮގަސްޓް 2026 އިން ފެށިގެން މިފްކޯގެ މަސްފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވަން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ފުވައްމުލަކު ފިހާރައިންވެސް ހުކުރު ދުވަހު ހިމެނޭހެން ހަފުތާއަކު 7 ދުވަހު ހިދުމަތް ފޯރުކޮށްދޭނެއެވެ.
ފުވައްމުލަކުގައި މިފްކޯ މަސްފިހާރަ ހުޅުވުމުގެ ތެރެއިން / ފޮޓޯ: މިފްކޯ
މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުމަށް ކުންފުނިން އިސްކަންދޭކަމުގައޮ އެ އިދާރާއިން ހާމކުރިއެވެ.
އެއްދުވަހުން އަނެއްދުވަހަށް ހިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، މިފްކޯއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ފަސޭހަކަމާއެކު މަހުގެ އުފެއްދުންތައް ލިބޭނެ ނިޒާމެއް ގާއިމުކުރަމުންނެވެ. ފުވައްމުލަކުގައި ހުޅުވުނު އާ ފިހާރައާއެކު އެ ސިޓީގެ އިގްތިސާދީ އަދި އިޖުތިމާއީ ފުދުންތެރިކަމަށް އެދެވޭ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭކަމުގައިވެސް އެ އިދާރާއިން ހާމކުރިއެވެ.






