ހުޅުމާލޭގައި ޓޭކްއެވޭގެ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިވެރިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކުލަވާލާފައިވާ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަހުލުވެރިކުރުމުގެ ގޮތުން ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ބާއްވައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްއެފްޑީއޭ ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަން އޮތީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް، ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައެވެ. މި ހަރަކާތަކީ ހުޅުމާލޭގައި ޓޭކްއެވޭ ހިދުމަތް ދިނުމުގެ ހުއްދަ ދެވިފައިވާ އެންމެހާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުން ނަންގަވައިދެއްވި ސެޝަނެކެވެ.
މި އަހަރުގެ ޖޫން 9 ވަނަ ދުވަހު ގެޒެޓުކުރެވުނު ގަވާއިދު ނަންބަރު 2026/R-52 "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން، މި ސެޝަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތަކަށް ވިޔަފާރިވެރިން އަހުލުވެރިކުރުވައި، އެފަރާތްތަކަށް ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.
މި ގަވާއިދުގެ ދަށުން އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އަމަލުކުރަންޖެހޭ މުހިންމު މިންގަނޑުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ކާބޯތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ތަކެތި ބަންދުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން ސެޝަންގެ ބައިވެރިންނަށް ވަނީ ތަފުސީލުކޮށްދީފައެވެ. މީގެއިތުރުން، ބަންދުކުރާ ކާބޯތަކެއްޗަކީ ކޮން ބާވަތެއްގެ އެއްޗެއްކަމާއި، އެ އެއްޗެއްގެ މުއްދަތު ހަމަވާނެ ތާރީޚު ފަދަ މުހިންމު މައުލޫމާތުތައް ސާފުކޮށް ލޭބަލްކުރުން މި ގަވާއިދުގެ ދަށުން ލާޒިމުކުރެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އާންމު ސިއްހަތާ ސީދާ ގުޅިފައިވާ ނުހަނު މުހިންމު ކަމަކަށްވާތީ، މި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށާއި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ހުޅުމާލޭގައި ވިޔަފާރިކުރާ އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަކީ ވިޔަފާރިވެރިންގެ ފަރާތުން އާންމު ކަސްޓަމަރުންނަށް ލިބިގެންދާނެ ބޮޑު އިތުބާރެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ އަހުލުވެރިކުރުވުމުގެ ސެޝަންތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ގަވާއިދުތަކަށް އަހުލުވެރިވެ، ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.







