ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ބީޗް ވޮލީބޯޅައިގެ ތިން މުބާރާތެއްގެ ވެސް އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ "ކްލަބް އެޗްޑީސީ" އިން ކާމިޔާބުކޮށްފިއެވެ.
މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތްތަކުގައި އެޗްޑީސީ ތަމްސީލުކުރި އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިން ވަނީ ޖުމުލަ 12 މެޗު ކުޅެ، ހުރިހާ މެޗަކުން މޮޅުވެ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.
މި ކާމިޔާބީގެ ސިލްސިލާ ފެށިގެންދިޔައީ މި ހިނގާ ނޮވެންބަރު މަހުގެ 9 އިން 13 އަށް 18 ޓީމާ އެކު ކުރިއަށްދިޔަ 'ބީޗް ވޮލީ ޗެމްޕިއަންޝިޕް' އިންނެވެ. މި މުބާރާތުގައި އެޗްޑީސީގެ ފަރާތުން ތިން ޓީމެއް ވާދަކުރިއެވެ. އެއީ މާލިކް އަސަދު އަދި ބިލާލް އަސްއަދު ހިމެނޭ "ކްލަބް އެޗްޑީސީ 2" އާއި، އަލީ ނިމާލް އަދި ހުމާމް ހަސަން ހިމެނޭ "ކްލަބް އެޗްޑީސީ 3" ގެ އިތުރުން އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ "ކްލަބް އެޗްޑީސީ 1" އެވެ. މި މުބާރާތުގެ ތަށި ކްލަބް އެޗްޑީސީ 1 އިން އުފުލައިލީ ކުޅުނު ފަސް މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދައިގެންނެވެ.
އޭގެ ފަހުން، ނޮވެންބަރު 15 އިން 17 އަށް ބޭއްވި 'ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު' ގައި ވާދަކުރީ ފުރަތަމަ މުބާރާތުގެ އެންމެ މޮޅު ހަ ޓީމެވެ. މި ލީގުގައި އެޗްޑީސީ ތަމްސީލުކުރި އަހުމަދު އަދި ޝަމާއިލްގެ ޕެއާއިން ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
އެޗްޑީސީން ތިންވަނަ ތަށި ހޯދީ ނޮވެންބަރު 18 ވަނަ ދުވަހު ބޭއްވި 'ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް' ގައެވެ. ލީގުގެ ގަދަ ހަތަރު ޓީމު ވާދަކުރި މި މުބާރާތުގައި ވެސް ކުޅުނު ދެ މެޗުން މޮޅުވެ، އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިންގެ ޕެއާއިން ވަނީ މުބާރާތުގެ ތަށި ކާމިޔާބުކޮށް، ތިން މުބާރާތުގެ ރަން ތާޖު އެޗްޑީސީއަށް ހޯދައިދީފައެވެ.
މި ކާމިޔާބީއާ ގުޅިގެން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، އެ ކޯޕަރޭޝަންގެ މައިގަނޑު އެއް އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި، މިފަދަ ގައުމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެ ކުރިއަށްދިއުމަށް މުވައްޒަފުންނަށް ހިތްވަރުދީ، އެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.





