ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރި "ރިވެލި އެވޯޑް" އެޗްޑީސީއަށް ލިބިއްޖެއެވެ. މިއީ މުޖުތަމައުގެ އެންމެހައި ފަރުދުން ޝާމިލުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށާއި، އެންމެންނަށް ފަހި ވެއްޓެއް ގާއިމުކުރަން ކުރާ މަސައްކަތް ގައުމީ ފެންވަރުގައި ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްގީކުރުމުގެ ތަމުީނުތައް ފަހިކޮށްދީ، ހަމަހަމަކަމާ އެކު ޝާމިލުވެވޭނެ މާހައުލެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދީފަވެއެވެ. އެގޮތުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގެ ތަފާތު އެކި މަގާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފުން އަންނަނީ ހިދުމަތްކުރަމުންނެވެ. މީގެ އިތުރުން، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް "ޕީޑަބްލިޔުޑީ އެމްބެސެޑަރުން" ގެ ގޮތުގައި ދެ މުވައްޒަފަކު އައްޔަންކޮށް، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ވަޒީފާގެ ވެށި ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި، އެޗްޑީސީގެ އޮފީސް އިމާރާތަށް ޒަމާނީ އަދި އެކަށޭނަ ބަދަލުތަކެއް ގެނެވުނެވެ. ވަކިން ހާއްސަކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް ފަރުމާކޮށްފައިވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ވެސް ފަސޭހައިން މައުލޫމާތު ލިބި، ސަމާލުވެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ.
ހުޅުމާލޭގެ ބިނާރާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުންދާ ކުންފުންޏެއްގެ ހައިސިއްޔަތުން، މާސްޓަރ ޕްލޭނާއި ތަރައްގީގެ އެކި މަޝްރޫއުތައް އެކުލަވައިލުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާއްސަ ބޭނުންތަކަށް އެ ކުންފުނިން ފުރިހަމައަށް ރިއާޔަތްކުރެއެވެ. އެގޮތުން މަގުމައްޗާއި ޕާކުތަކާއި އިމާރާތްތަކަކީ ހުރަހެއް ނެތި އެންމެންނަށް ބޭނުންކުރެވޭނެ ތަންތަން ކަމުގައި ހެދުމަކީ ޝާމިލު މުޖުތަމައެއް ބިނާކުރަން ގެންގުޅޭ ދުރުވިސްނުމުގެ މުހިންމު ބައެއްކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.
މި އެވޯޑު ލިބުމަކީ ހުޅުމާލެއަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހަދަން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދިނެވެ.




