މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "ހެލްތު އެކްސްޕޯ 2026" ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިވެރިވެ، އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގެ މައުލޫމާތު ފޯރުކޮށްދޭން ފަށަައިފިއެވެ. ސެންޓްރަލް ޕާކުގައި ގާއިމުކުރެވިފައިވާ އެޗްޑީސީގެ ސްޓޯލުން، އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި، ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރަން ހިތްވަރުދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބުރާސްފަތި ދުވަހު ހަވީރު 5:00 ގައި ފެށި މި އެކްސްޕޯގެ ތެރެއިން އެޗްޑީސީގެ ސްޓޯލުން "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމްގައި ރަޖިސްޓްރީވެވޭނެ އިންތިޒާމު ހަމަޖައްސަދީފަވެއެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް އެކްސްޕޯ ކުރިއަށްދާއިރު، އެޗްޑީސީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު)ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދެވުމަށް އެންމެހައި ފަރާތްތަކަށް އެ ކޯޕަރޭޝަނުން ދައުވަތު އެރުވިއެވެ.
އެޗްޑީސީން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 16 ގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. މީގެއިތުރުން އިސްރަށްވެހިންނާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފަވެއެވެ.
މި ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ، ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހީންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް، އަވައްޓެރިންނާއި އިސްރަށްވެހީންގެ އެކަނިވެރިކަން ކުޑަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.




