އިތުބާރުކުރެވޭ މަގާމެއްގައި ހުރި ފަރާތަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އެ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެގޮތަށް މީޑިއާގެ ތަފާތު މަންސަތަކުގައި މައުލޫމާތު ދައުރުވަމުންދާތީ، އެފަދަ މައުލޫމާތު އާންމުނުކުރުމަށް ސިއްހަތާއި، އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށް ނޫސް ބަޔާނެއް ނެރެފިއެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ އާއިލާއާއި، ޖަމާއަތާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަން ކަނޑައަޅާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (2019/19) އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް، އަދި ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފަވެއެވެ. އެހެންކަމުން، ކުޑަކުދިންގެ ކަރާމާތަށް ބުރޫއަރާފަދަ އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
ގާނޫނުގެ 33 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަޔާނުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ހާމަކުރުމަކީ މަނާކަމެކެވެ. ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިއުނުކުރުމަށް އެ ވުޒާރާއިން އަންގާފިއެވެ.
މީގެއިތުރުން، އާންމުން ކަންކަމާމެދު ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަގްސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި ކުއްޖެއްގެ ޒާތީ މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއްވިއެވެ. ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމާއި، އެކުދިންނަށް ހިމާޔަތް ދިނުމަކީ ގާނޫނުން ލާޒިމުކުރާ ކަމެއްކަމަށްވާތީ، އެފަދަ އަމަލުތަކުން އެންމެހައި ފަރާތްތަކުން ދުރުހެލިވުމަށް އިލްތިމާސްކުރިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއްކަން ހަނދާންކޮށްދެމުން، ބަޔާން ނިންމާލަމުން އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް މީޑިއާއެއްގައި ނުވަތަ މަންސައެއްގައި އާންމުނުކުރުމަށް ހުރިހާ ފަރާތްތަކަށް އެންގިއެވެ.




