"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހާއްސަ ހެލްތު އެންޑް ފެމެލީ އެކްސްޕޯއެއް ބޭއްވުމަށް ހެލްތް މިނިސްޓްރީން ތައްޔާރުވަނީއެވެ. މި އެކްސްޕޯ އޮންނާނީ މި ހިންގަމުންދާ ނޮވެމްބަރު މަހުގެ 5، 6 އަދި 7 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން މި އެކްސްޕޯ ބާއްވާ ތިންވަނަ ފަހަރެވެ.
ފާއިތުވެދިޔަ ދެ އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތައް، ޖަމިއްޔާތައް އަދި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން 60 އަށްވުރެ ގިނަ ސްޓޯލް ބެހެއްޓުމަށް ވަނީ އިންތިޒާމުކޮށްފައެވެ. މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ސިއްހީ އަދި އިޖުތިމާއީ ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، ދެޖިންސުގެ ހަމަހަމަކަމާއި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި ގައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުންވެސް ހިމެނެއެވެ.
ސިއްހީ ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، ޖަމިއްޔާތަކާއި ހެލްތު ފެސިލިޓީސްތަކުން ދޭ ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދިނުމަށް ރޭވިފަވާކަމުގައި ހެލްތު މިނިސްޓްރީއިން ހާމަކުރިއެވެ. މީގެއިތުރުން އިދާރާތަކާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމާއެކު، މުޅި އާއިލާއަށް އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް އެކްސްޕޯގެ ހަރަކާތްތައް ފަރުމާކުރެވިފަވެއެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހެލްތު ޗެކަޕް ހެދުމާއި، މިންހެޔޮ ކާނާއާއި ހެދިބޮޑުވުމާ ގުޅޭ މައުލޫމާތު ދިނުމާއި، ވެކްސިން އަދި އެހެނިހެން ސިއްހީ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާނެއެވެ. މީގެއިތުރުން ބިދޭސިންނަށް ހާއްސަ ހެލްތު ސްކްރީނިންގއާއި މައުލޫމާތު ދިނުމާއި، ޒުވާނުންނަށް ހާއްސަ ހަރަކާތްތަކާއި ނަފްސަނީ ދުޅަހެޔޮކަމުގެ މައުލޫމާތާއި، ހެލްތީ ފުޑް ސްޓޯލްތަކާއެކު ރަނގަޅު ކެއިންބުއިމުގެ އާދަތަކަށް ހޭލުންތެރިކުރުން ހިމެނެއެވެ.
އެކްސްޕޯގެ ތެރެއިން ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ. އެގޮތުން ކުޑަކުދިންގެ ކުޅިވަރުތަކުގެ އިތުރުން މިއުޒިކް ޝޯތަކާއި، ބިރުވެރިހޮހޮޅަ އަދި އެހެނިހެން މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަޖުރިބާކޮށްލެވޭނެއެވެ.





