ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް އެކްސްޕޯ" އަދި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އަށް ޖުމްލަ 205,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު އިއުލާނުކުރައްވައިފިއެވެ.
މިނިސްޓަރ ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 10 އަހަރުގެ މެދުކެނޑުމަކަށްފަހު 2025 ވަނަ އަހަރު އަލުން ބާއްވަން ފެށި މި މައުރަޒު، އަހަރަކަށްވުރެ އަހަރެއް އަންނަނީ ފުޅާވެ، އޭގެ ދާއިރާ ބޮޑުވަމުންނެވެ. އެގޮތުން މިއަހަރުގެ މައުރަޒަށް އެވްރެޖްކޮށް ދުވާލަކު 41,000 މީހުން ޒިޔާރަތްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި އިނިޝިއޭޓިވްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ވަރުގަދަކުރުމާއި، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާކަމުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އަމާޒަށް ވާސިލުވުމަށް އެހީތެރިވެދިނުމެވެ.
އޮކްޓޫބަރު 25 ވަނަ ދުވަހު ރައީސް މުޢިއްޒު އިފްތިތާހުކޮށްދެއްވި މިއަހަރުގެ އެކްސްޕޯގައި، އަމިއްލަ އުފެއްދުންތަކާއި، ކްރިއޭޓިވް އިންޑަސްޓްރީ، ޑިޖިޓަލް އީޖާދުތަކުގެ އިތުރުން ވިޔަފާރީގެ ފުރުސަތުތައް ދައްކުވައިދޭ 7 ޑިސްޓްރިކްޓެއް ވަނީ ހިމެނިފައެވެ.
މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން ބައިވެރިވެ، 4,404 އުފެއްދުމެއް މައުރަޒަށް ހުށަހަޅާފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އަމިއްލަ އުފެއްދުންތެރިން، ވިޔަފާރިތައް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ތައުލީމީ މުއައްސަސާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ އިގްތިސާދަށާއި ބައިނަލްއަގްވާމީ ވިޔަފާރިއަށް ހާއްސަ ޑިސްޓްރިކްޓްތަކެއްވެސް އެކްސްޕޯގައި ހިމެނެއެވެ. މިއީ ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް އިޝްތިހާރުކޮށް، ބޭރުގެ މާކެޓްތަކަށް ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމެކެވެ.
2026 ވަނަ އަހަރުގެ މޯލްޑިވްސް އެކްސްޕޯ ނިންމާލުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުއެވެ.




