ދިވެހިރާއްޖޭގެ ޤައުމީ ހުނަރާއި ކެރިއަރ އެކްސްޕޯ "ވަރަ އެކްސްޕޯ 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 26 އިން 28 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތަކީ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، މަސައްކަތުގެ މައިދާނުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ފަހިކޮށްދޭ މުހިންމު މަންސައެކެވެ.
މި އެކްސްޕޯގެ ރަސްމީ ވެބްސައިޓުގައިވާ މަޢުލޫމާތަށް ބަލާއިރު، މިއަހަރުގެ އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:
ކެރިއަރ ޒޯން: ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ސީދާ ގުޅުވާލަދިނުން.
އެޑިއުކޭޝަން ޒޯން: މަތީ ތަޢުލީމުގެ ކޯސްތަކާއި، ސްކޮލަރޝިޕް އަދި ސްޓޫޑަންޓް ލޯނާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.
ސްކިލްސް އެކްސްޕީރިއަންސް ޒޯން: ޢަމަލީ ގޮތުން ތަފާތު ހުނަރުތައް ދައްކާލުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު.
މާކެޓް ޒޯން: އަމިއްލަ ވިޔަފާރިތަކާއި އުފެއްދުންތައް އިޝްތިހާރުކޮށް ދައްކާލުމުގެ ފުރުސަތު.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ތަޢުލީމާއި ޢަމަލީ ހުނަރު އަދި ވަޒީފާގެ ބާޒާރު އެއްވިއުގައަކުން ގުޅުވާލައި، ދިވެހި ޒުވާނުންނަށް ވަޒީފާއާއި އެޕްރެންޓިސްޝިޕްގެ ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ.
މި އެކްސްޕޯއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ރަސްމީ ވެބްސައިޓް varaexpo.mv މެދުވެރިކޮށް މިހާރު ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.





