މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓަރމިނަލް 1 ގައި ދެމުން އަންނަ އީ-ގޭޓުގެ ހިދުމަތް ބައިނަލްއަގްވާމީ ދަތުރުވެރިންނަށް ރަސްމީކޮށް ފުޅާކޮށްފިއެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހްސާނެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފް އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަހްމަދު ފަސީހްގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ ކުރިން ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައި އޮތް މި ހިދުމަތް، މިހާރު ވަނީ ކަނޑައެޅިފައިވާ 31 އެއަރލައިނަކުން ދަތުރުކުރާ، 39 ގައުމެއްގެ ޝަރުތުހަމަވާ ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭނެހެން ހުޅުވާލާފައެވެ. ވީއައިއޭގައި ޖުމްލަ 35 އީ-ގޭޓް ގާއިމުކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖެ އެތެރެވާ ފަރާތްތަކަށް ހާއްސަ 20 ގޭޓާއި، ރާއްޖެއިން ފުރާ ފަރާތްތަކަށް ހާއްސަ 15 ގޭޓް ހިމެނެއެވެ. މި ބަދަލާއެކު އިލެކްޓްރޯނިކް ޕާސްޕޯޓް (އީ-ޕާސްޕޯޓް) ބޭނުންކުރާ ފަރާތްތަކަށް، ޒަމާނީ އޮޓޮމޭޓެޑް ނިޒާމުގެ އެހީގައި އިމިގްރޭޝަންގެ މަރުހަލާތައް އެއްވެސް ދަތިކަމެއްނެތި އަވަހަށް ނިންމާލެވޭނެއެވެ. ހިދުމަތް ފެށުމުގެ ގޮތުން، އެމިރޭޓްސް އެއަރލައިނުން ރާއްޖެ އައި ފަސިންޖަރަކު ވަނީ މި ނިޒާމު މެދުވެރިކޮށް އަމަލީގޮތުން އިމިގްރޭޝަން ކްލިއަރެންސް ފުރިހަމަކޮށްފައެވެ.
މި ހިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އާންމު ހިދުމަތްތައް ހަލުވިކޮށް ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެއަރޕޯޓް ތަރައްގީކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކާއެކު، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ، އެއަރޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަކީ އެމްއޭސީއެލްގެ މައިގަނޑު އަމާޒެކެވެ.
ކުރިއަށް އޮތް ތަނުގައިވެސް މޯލްޑިވްސް އިމިގްރޭޝަނާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖެއަކީ ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ، ބައިނަލްއަގްވާމީ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްއިން ވަނީ ދީފައެވެ.




