ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވޯޓާ އެއިރޯޑްރޯމްގައި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ޓެކްސީ ކުރަމުން ދަނިކޮށް ހާދިސާއެއް ހިނގާފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަށަވަރުކޮށްދީފިއެވެ. މި ހާދިސާ ހިނގުމާ ގުޅިގެން، އެމްއޭސީއެލްގެ އެއާޕޯޓް އިމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަނީ ވަގުތުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއޭސީއެލް އިން މަޢުލޫމާތު ދެއްވި ގޮތުގައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، އެ ކުންފުނީގެ އިމަޖެންސީ ޓީމުތަކުން ވަނީ ބޭނުންވާ ފަންނީ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދީފައެވެ. އަދި މިފަދަ ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެމްއޭސީއެލްގެ ޓީމުތައް އަބަދުވެސް އޮންނަނީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމްގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށާއި، އާންމު އުސޫލުން ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ވިދާޅުވިއެވެ. މީގެއިތުރުން، މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ލިބެމުންދާ މިންވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.



