ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ދިމާކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް (ވީ.އައި.އޭ) ގެ ޓާމިނަލް 2 އިން ބައިނަލްއަގުވާމީ 10 އެއާލައިނެއްގެ ޗެކްއިން ހިދުމަތް ފެށުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ނިންމައިފިއެވެ. މި ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
މި ނިންމުމާއެކު، ރާއްޖެއަށް ފަތުރުވެރިން އައުން އެންމެ ބާރުބޮޑުވާ ވިންޓަރ ސީޒަނުގައި ވީ.އައި.އޭގެ ދެ ޓާމިނަލުންވެސް ބައިނަލްއަގްވާމީ އުދުހުންތަކަށް ހިދުމަތް ފޯރުކޮށްދެވޭނެއެވެ. މީގެ ސަބަބުން އެއާޕޯޓުގެ ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް އަވަސް އަދި ލުއިފަސޭހަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެމް.އޭ.ސީ.އެލް އިން މައުލޫމާތުދެއެވެ.
ޓާމިނަލް 2 އަށް ބަދަލުވާ 10 އެއާލައިން:
- ނިއޯސް (އިޓަލީ)
- އޭރޯފްލޮޓް (ރަޝިޔާ)
- އަޒުރް އެއަރ (ރަޝިޔާ)
- އެސް ސެވަން އެއަރލައިންސް (ސައިބީރިއާ)
- ޔޫއެސް-ބަންގަލާ އެއަރލައިންސް
- ސެންޓްރަމް އެއަރ (އުޒްބެކިސްޓާން)
- ޝިރަކް އަވިއާ (އަރުމީނިއާ)
- ކުވައިތު އެއަރވޭސް
- ގުލިވް އެއަރ (ބަލްގޭރިއާ)
- ފްރެންޗް ބީ
ކުރިން ބައިނަލްއަގްވާމީ ދަތުރުތަކަށް ބޭނުންކުރި ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކާއެކު އަލުން ހިދުމަތް ދޭން ފަށާފައިވަނީ 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. މިއަދާ ހަމައަށް އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްފައިވާ މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.
އޮކްޓޫބަރު 25 އިން ފެށިގެން މި 10 އެއާލައިނުން ފުރާ ދަތުރުވެރިން ޗެކްއިންވުމަށް ސީދާ ޓާމިނަލް 2 އަށް ވަޑައިގަތުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ވަޑައިގެންދެއްވުމަށް އެމް.އޭ.ސީ.އެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާއަތް ފުޅާވަމުން އަންނައިރު، ހުރިހާ ދަތުރުވެރިންނަށްވެސް އަމާން އަދި ހިތްފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.





