ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ބަޔަކުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ވަނީ ނޮމިނޭޓްވެފައެވެ.
އެގޮތުން "ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" އަދި "ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީއިން ވީ.އައި.އޭ ނޮމިނޭޓްވެފައިވެއެވެ. މި ކެޓަގަރީތަކަށް ވީ.އައި.އޭއަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ ކާމިޔާބީ ވީ.އައި.އޭއިން ހާސިލްކޮށްފައިވާތީއެވެ.
މި ނޮމިނޭޝަންތަކާއެކު، "ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" ކެޓަގަރީގައި ވީ.އައި.އޭ ވާދަކުރާނެ މުހިންމު އެއަރޕޯޓުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއަރޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއަރޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ޒިއުރިކް އެއަރޕޯޓް ހިމެނެއެވެ. އަދި "ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީން ޖުމްލަ 12 އެއަރޕޯޓަކާއެކު ވީ.އައި.އޭއިން ވާދަކުރާނެއެވެ. މީގެ ތެރޭގައި ޗާންގީ އެއަރޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއަރޕޯޓާއި، ސިޑްނީ އެއަރޕޯޓް އަދި އޯކްލޭންޑް އެއަރޕޯޓް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް މި ވޯޓުގައި ބައިވެރިވެ، މި ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ކާމިޔާބު ހޯދައިދިނުމަކީ އެމް.އޭ.ސީ.އެލްގެ ޚާލިސް އެދުމެކެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ވޯޓިން ލިންކް: ވޯލްޑްސް ލީޑިންގ އެއަރޕޯޓް2026 https://l1nq.com/8oktjf8 | ވޯލްޑްސް ލީޑިންގ އެއަރޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026 https://sl1nk.com/vp3qvv7
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.




