ސަލާމަތީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތައްޔާރުވެފައިވާ މިންވަރާއި، އެފަދަ ހާލަތެއްގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ދެނެގަތުމަށް ބޭއްވި ހާއްސަ ތަމްރީނު ހަރަކާތް ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ. މި ހަރަކާތަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާއި އެމްއޭސީއެލް ގުޅިގެން ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 123 ވޮލަންޓިއަރުން ބައިވެރިވިއެވެ. މީގެއިތުރުން، ދިވެހި ފުލުހުންގެ ހިދުމަތާއި، އެއާލައިންތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރާއި ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކުގެ އޮފިޝަލުން ވަނީ މި ހަރަކާތް ކުރިއަށްދިޔަ ގޮތް ގާތުން ބައްލަވައި، މޮނިޓަރ ކުރައްވާފައެވެ.
ސެކުއިރިޓީ އިމަރޖެންސީ އެކަސަސައިޒްގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް
މި ތަމްރީނު ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި މިހާރު އަމަލުކުރަމުންދާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި، ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ މިންގަނޑުތައް ނުވަތަ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) ތަކުގެ ހަރުދަނާކަން ވަޒަންކުރުމެވެ. ހަމައެއާއެކު، ކަމާގުޅުންހުރި އެކި އިދާރާތަކުގެ މެދުގައި އޮންނަ ވިލަރެސްކުރުމުގެ ގުޅުން ބަދަހިކޮށް، ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމެވެ.
މި ހަރަކާތް ނިންމާލުމަށްފަހު، ހަރަކާތް ކުރިއަށްދިޔަ ގޮތް ވަޒަންކުރުމުގެ ގޮތުން ބާއްވާ ހާއްސަ ރިވިއު ބައްދަލުވުން ނުވަތަ "ހޮޓްވޮޝް" ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމުގައި ކާމިޔާބުވި ކަންކަން ފާހަގަކޮށް، އިތުރަށް އިސްލާހުކޮށް ހަރުދަނާކުރަންޖެހޭ ދާއިރާތައް ދެނެގަތުމެވެ.
ދަތުރުވެރިންނާއި، މުވައްޒަފުންގެ އިތުރުން ވީއައިއޭގެ ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެއާޕޯޓުގެ ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް އެމްއޭސީއެލް އިން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.





