ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް ހިންގުނު މުހިންމު މަޝްރޫއުތަކާއެކު، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު ހަރުދަނާވެ ގައުމީ އިގްތިސާދު ކުރިއެރުވުމަށް އައު ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން އެއަރޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކަށް ގެނެވުނު އިންގިލާބީ ބަދަލުތަކަކީ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ޖުލައި 26 ގައި އައު ބައިނަލްއަގްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) ހުޅުވުމާއި، މި އަހަރުގެ ފެބުރުވަރީ 17 ގައި އެތެރޭގެ އުދުހުންތަކަށް ހާއްސަ ޓަރމިނަލް 2 ހުޅުވުމާއެކު، ދަތުރުވެރިންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިވެ، ރާއްޖެއާއި ބޭރު ދުނިޔެއާ އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ ތެރޭގައި އިމްޕޯޓް އަދި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު ސީ-ޓު-އެއަރ ކާގޯ އިނީޝިއޭޓިވްގެ ދަށުން މުދާ އުފުލުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. ހަމައެއާއެކު، 2024 ވަނަ އަހަރު ހިދުމަތްދޭން ފެށި އައު ފިއުލް ފާމާއި ހައިޑްރަންޓް ސިސްޓަމްގެ ސަބަބުން ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމު ފުޅާވެފައިވާއިރު، އައު ފަޔަރ ސްޓޭޝަނާއެކު ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ގާބިލުކަންވެސް ވަނީ އިތުރުވެފައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މި ޒަމާނީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭ ފަދަ ފުރިހަމަ އެއަރޕޯޓަކަށް ވީއައިއޭ ހެދުމެވެ. މިއީ ގައުމު އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށާއި ދުރު ރާސްތާގެ ފާގަތިކަމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.





