ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.03 ކިލޯގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ އެ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ޕެކޭޖު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ހާމަކުރިއެވެ.
ފާސްކުރުމަށްފަހު އެ ޕެކޭޖު ބެލިއިރު ފެނިފައިވަނީ ޕާޓީ ޑްރަގްސްގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް އެ އިދާރާއިން ހާމަކުރިއެވެ. އަދި އަތުލައިގަތް މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1030 ގްރާމް ހުރިކަމަށްވެސް އެ އިދާރާއިން މައުލޫމާތުދިނެވެ.
މި ހާދިސާގެ އިތުރުން، ޕޯސްޓާއި ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު އިތުރު ތިން ކިލޯއާ ގާތްކުރާ މަސްތުވާތަކެތިވެސް ކަސްޓަމްސްއިން ވަރަށްފަހުން އަތުލައިގަތެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވެސް ޕޯސްޓާއި ކޫރިއަރ މެދުވެރިކޮށް ގެނައި 2123 ގްރާމުގެ ސިންތެޓިކް ކެތިނޯން ކަސްޓަމްސްއިން ހިފަހައްޓާފަވެއެވެ.
ރާއްޖެއަށް މިފަދަ ނުރައްކާތެރި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އާއި ކަމާބެހޭ އިދާރާތަކުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރިއެވެ.






