ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއަކީ އެއާޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއްގެ ތެރެއިން ނަގާފައިވާ މަންޒަރުތަކެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މީސްމީޑިއާގައި ދައުރުވަމުންދަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއް ދައްކުވައިދޭ މަންޒަރުތަކެކެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި، އާންމުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން އުފައްދައި، ކުންފުނީގެ އިތުބާރު ގެއްލުވާލުމަށްޓަކައި އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ. އަދި އެފަދަ ނާތަހުޒީބު އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މީގެއިތުރުން، އެއްވެސް ހަގީގަތެއް އަދި ސައްހަކަމެއް ކަށަވަރުނުވާ މިފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކުންފުނީގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި، އެހެން މައުލޫމާތުތައް ދައުރުނުކުރުމަށް އެމްއޭސީއެލް އިން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.




