ދިވެހިރާއްޖޭގެ ބޯޑަރުގައި ފޯރުކޮށްދޭ އިމްޕޯޓް އަދި އެކްސްޕޯޓްގެ ހިދުމަތްތައް އެއް ވިއުގައަކުން ލުއިފަސޭހަކަމާއެކު ދިނުމަށް ގާއިމުކޮށްފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމް، "ޓްރޭޑިއަން" މެދުވެރިކޮށް އޭވިއޭޝަން ދާއިރާއާ ގުޅުންހުރި މުހިންމު 8 ހިދުމަތެއް ދޭން ނިންމައިފި އެވެ. މި ހިދުމަތްތައް ޕްލެޓްފޯމް މެދުވެރިކޮށް ދޭން ފަށާނީ މި ހިނގާ ޑިސެމްބަރު މަހުގެ 22 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ.
މި ބަދަލާ ގުޅޭގޮތުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، އާދީއްތަ ދުވަހުން ފެށިގެން ޓްރޭޑިއަން މެދުވެރިކޮށް މި ހިދުމަތްތައް ދޭން ފެށި ނަމަވެސް، ކަނޑައެޅޭ ވަކި މުއްދަތަކަށް "ޕެރެލަލް ސަބްމިޝަން" ނުވަތަ ދެ ގޮތަށް ވެސް ހިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށެވެ. އެހެންކަމުން، މިހާރު ހިދުމަތަށް އެދެމުން އަންނަ އުސޫލުތަކުގެ އިތުރުން ޓްރޭޑިއަން މެދުވެރިކޮށް ވެސް އެއާލައިންތަކަށާއި އޭވިއޭޝަން ދާއިރާގެ އެހެނިހެން ފަރާތްތަކަށް ހިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ.
އިގްތިސާދީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިފަދަ ލުޔެއް ދިނުމުގެ މައިގަނޑު މަގްސަދަކީ، ހިދުމަތް ހޯދާ ފަރާތްތައް މި އައު ޕްލެޓްފޯމަށް އަހުލުވެރިކުރުވުމާއި، އިތުބާރާއެކު ހިދުމަތްތަކަށް އެދެން ދަސްކުރުމުގެ ފުރުސަތު ދިނުމެވެ. އަދި އަލަށް ބޭނުންކުރާ ފަރާތްތަކުގެ އޮންބޯޑިންގް މަރުހަލާ ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ދީ، އެއްވެސް މެދުކެނޑުމެއް ނެތި ހިދުމަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަކީ ވެސް މި ނިންމުމުގެ މުހިންމު ބޭނުމެކެވެ.
މި މަހުގެ 22 އިން ފެށިގެން ޓްރޭޑިއަން އަށް ބަދަލުކުރާ އަށް ހިދުމަތަކީ:
- އެއާކްރާފްޓް އޮޕަރޭޓަރ ސެކިއުރިޓީ ޕްރޮގްރާމް ހިމެނޭހެން، ޝެޑިއުލްޑް ފްލައިޓްތަކުގެ ހުއްދަ ދިނުން
- އެޑްހޮކް ޗާޓާ ފްލައިޓްތަކުގެ ހުއްދަ ދިނުން
- ފްލައިޓް ޝެޑިއުލް ހުށަހެޅުން
- އެއާލައިން އޭޖެންޓުން ކަނޑައެޅުން
- ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް އައުކުރުން
- ޝެޑިއުލްޑް ފްލައިޓްތަކުގެ ލައިސަންސް ބާތިލުކުރުން
- ފްލީޓް އަޕްޑޭޓްކުރުން
- ފްލައިޓް ޝެޑިއުލް އަޕްޑޭޓްކުރުން
ޓްރޭޑިއަން ޕްލެޓްފޯމް ބަލަހައްޓާ ޓްރޭޑްނެޓް މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި، މި ނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ވަނީ ކަނޑުދަތުރުފަތުރު (މެރިޓައިމް)ގެ ދާއިރާއިން އެކި އިދާރާތަކުން ދެމުން އައި ހިދުމަތްތައް އެއް ވިއުގައަކަށް ބަދަލުކޮށްފަ އެވެ. އަދި މިހާރު ފެށިގެން މިދާ ދެވަނަ ފިޔަވަހީގައި ވައިގެ ދަތުރުފަތުރާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން، މުދަލުގެ ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހެޅުމާއި، އިތުރު ރެގިއުލޭޓަރީ ހުއްދަތައް މި ޕްލެޓްފޯމް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
ޓްރޭޑްނެޓުން ފާހަގަކުރި ގޮތުގައި، ދެވަނަ ފިޔަވަހީގެ ދަށުން ގެނެވޭ މި ބަދަލުތަކާއެކު ޑަބްލިޔުޓީއޯގެ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ފަދަ ފުރިހަމަ ނޭޝަނަލް ސިންގަލް ވިންޑޯ ނިޒާމެއް ރާއްޖޭގައި ގާއިމުވެ، ބޯޑަރުގައި ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނީ އަދި ހަރުދަނާ މިންގަނޑަކުން ދިނުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދާނެ އެވެ.





