އެމެރިކާގެ ޓެކްސަސްގެ އޮސްޓިން-ބާގްސްޓްރޮމް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ބަހާމާސްގެ ނޯތު އެލުތެރާ އެއާޕޯޓަށް ދަތުރުކުރި 'ލިއަރޖެޓް 60' މަރުކާގެ އަމިއްލަ މަތިންދާބޯޓެއް ފްލޮރިޑާގެ ޕާމް ބީޗް ކައުންޓީގެ ޕާމް ސްޕްރިންގްސް ސަރަހައްދަށް އާދީއްތަ ދުވަހުގެ މެންދުރު 12:50 ހާއިރު ވެއްޓިއްޖެއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި ނުވަ މީހުންގެ ތެރެއިން އެކަކުވެސް ސަލާމަތްވެފައެއް ނުވާކަމުގައި ކަމާބެހޭ ފަރާތްތަކުން މުއުލޫމާތުދެއެވެ.
އާންމުން ދިރިއުޅޭ ސަރަހައްދަކަށް ނޭފަތްކޮޅު ކުރިއަށް ވާގޮތަށް ބޯޓު ވެއްޓުމާއެކު ބޮޑު ގޮވުމަކާއެކު ރޯވެ، މުޅި ސަރަހައްދަށް ކަޅު ދުން އަރައިގެން ދިޔަކަމުގައި ހާމަކުރިއެވެ. ހާދިސާ ހިނގި ވަގުތު ޕާމް ބީޗް ކައުންޓީ ޝެރިފްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީންނާއި ކައުންޓީ ފަޔާ ރެސްކިއު މުވައްޒަފުން ވަގުތުން އެ ސަރަހައްދަށް ގޮސް އިމަޖެންސީ ހަރަކާތްތައް ފެށިއެވެ.
އޭއާރް ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އާއި ޕައިލެޓުންގެ ދެމެދު ދެކެވުނު ފަހުގެ ވާހަކަތަކުގެ ރެކޯޑިންގތަކުން އެނގޭގޮތުގައި، ބޯޓުގެ ބޭރުގެ ފިނިހޫނުމިން މައިނަސް 47 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ފިޔަގަނޑުގައި ގަނޑުފެން ހެދެމުންދިޔައެވެ. އަދި ވިއްސާރައިގެ ސަބަބުން ބޯޓު ގުޑެމުންގޮސް، ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި މައްޗަށް އެރުމަށް އެދުމަށްފަހު 'މޭޑޭ' އިއުލާނުކޮށް، މިނެޓަކު 20,000 އިން 22,000 ފޫޓަށް ބޯޓު ތިރިއަށް ވެއްޓެން ފެށިއެވެ.
ވާހަކަތަކުގެ ތެރެއިން ޕައިލެޓު ވަނީ "އަހަރެމެން މި ދަނީ ބިމަށް ވެއްޓެން" ކަމަށް ބުނެ ރަނގަޅަށް ސާފުނުވާ ހޭކުރުމުގެ އަޑާއެކު ބޭރު ބެލުމަށް އެދިފައެވެ. ފްލައިޓް ޓްރެކިން ރެކޯޑުތަކުން ދައްކާ ގޮތުގައި، އެއް މިނެޓު ތެރޭގައި ބޯޓު 27،000 ފޫޓަށް ތިރިވިއިރު، ލިއަރޖެޓް 60 މަރުކާގެ ބޯޓެއް ވެއްޓި މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި މިއީ ފުރަތަމަ ފަހަރެވެ.
މި ކާރިސާއާ ގުޅޭގޮތުން ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ވިދާޅުވީ ބޯޓު ވެއްޓުނީ "މިސައިލެއް ވެއްޓުނު ފަދަ" ގޮތަކަށް ކަމަށާއި، މަގުމައްޗަށް ބޮޑު ވަޅުގަނޑެއް އެފެދިގެންދިޔަ ކަމަށެވެ. އަދި ދަތުރުފަތުރާ ބެހޭ ވަޒީރު ޝޯން ޑަފީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއީ "ބިރުވެރި ހިތާމަވެރި" ކާރިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މި ހާދިސާގައި ބިމުގައި ތިބި އެއްވެސް އާންމަކު މަރުވެފައި ނުވި ނަމަވެސް، މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މޮބައިލް ހޯމް ޕާކަކަށް ވަންނަ ދޮރު ބަންދުވުމުގެ ސަބަބުން 600 އެއްހާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށް އިދާރާތަކުން ބުންޏެވެ. އެމެރިކާގެ ވައިގެ އުދުހުންތަކާ ބެހޭ މައި އިދާރާ (އެފްއޭއޭ) އިން ދަނީ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގައުމީ އިދާރާއިން (އެންޓީއެސްބީ) ކުރިއަށްގެންދާ ތަހުގީގަށް އެހީތެރިވުމަށް ހާދިސާ ހިނގި ސަރަހައްދަށް ދިއުމަށް ތައްޔާރުވަމުންނެވެ.
މި ހާދިސާގައި މަރުވި ނުވަ މީހުންގެ މައުލޫމާތު އަދި އާންމުކޮށްފައި ނުވާއިރު، އޭގެ ތެރޭގައި ފްލޮރިޑާގެ ރައްޔިތަކު ހިމެނޭކަންވެސް ކަމާބެހޭ އިދާރާތަކަށް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. މިއީ މިޒޫރީގައި 12 މީހުން މަރުވި ހާދިސާއަށްފަހު، މިއަހަރު އެމެރިކާގައި ހިނގި މިފަދަ ދެވަނަ ނުރައްކާތެރި ކާރިސާއެވެ.




