އދ. ގެ ސެކިއުރިޓީ ކައުންސިލަށް އެމެރިކާއިން ހުށަހެޅި ހުޅަނގު ސަހަރާގެ މައްސަލައާ ބެހޭ ގަރާރު، ރަޝިޔާއިން ވީޓޯގެ ބާރު ބޭނުންކޮށްގެން ފެއިލްކޮށްލައިފިއެވެ. ހުޅަނގު ސަހަރާ އަކީ އެފްރިކާ ބައްރުގެ ހުޅަނގު އުތުރު އައްސޭރީގައި، މޮރޮކޯގެ ދެކުނުން އޮންނަ، މިނިވަންކަމާއި މެދު ބޮޑު ދެބަސްވުމެއް އުފެދިފައިވާ ސުންނީ މުސްލިމް ސަރަހައްދެކެވެ.
އިއްޔެ ނެގި މި ވޯޓުގައި ކައުންސިލްގެ 11 ގައުމަކުން ގަރާރާ އެއްކޮޅަށް ވޯޓު ދީފައިވާއިރު، ތިން ގައުމަކުން ވަކިކޮޅަކަށް ވޯޓު ނުދެއެވެ. އެއީ ޗައިނާއާއި ޕާކިސްތާން އަސި ސޯމާލިއާ އެވެ.
އެމެރިކާއިން އެކުލަވާލި މި ގަރާރުގެ ބޭނުމަކީ ހުޅަނގު ސަހަރާގައި ހަރަކާތްތެރިވާ އދ. ގެ ސުލްހަ ބަލަހައްޓާ މިޝަންގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މިނިވަންކަމާ މެދު އާންމު ވޯޓެއް (ރެފަރެންޑަމް) ނެގުމަށް ކުރިން އޮތް ރޭވުންތަކުގެ ވާހަކަ އުނިކޮށް، މޮރޮކޯއިން ހުށަހަޅާފައިވާ އަމިއްލަ އިޚްތިޔާރުގެ ރޭވުން އެއީ މަޝްވަރާތަކުގެ ހަމައެކަނި އަސާސްގެ ގޮތުގައި ކަނޑައެޅުމަށް މި ގަރާރުގައި ބާރުއަޅާފައިވެއެވެ. ނަމަވެސް ރަޝިޔާއިން ބުނީ މިއީ އދ. އިން ކުރިން ނިންމާފައިވާ އަސާސްތަކާ ޚިލާފަށް، ވަކި ކޮޅަކަށް ޖެހިގެން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.
ހުޅަނގު ސަހަރާގައި މިނިވަންކަމާ މެދު އާންމު ވޯޓަކަށް ދާން އެންމެ ބޮޑަށް ބޭނުންވަނީ އެ ސަރަހައްދުގެ އަސްލު ވަޒަންވެރިން ކަމަށްވާ ސަހަރާވީންގެ ހައްގުގައި ވަކާލާތުކުރާ ޕޮލިސާރިއޯ ފްރަންޓާއި އެޖަމާއަތަށް ތާއީދުކުރާ އަލްޖީރިއާއިންނެވެ. އދ. އިން 1991 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރީ ވެސް މި ރެފަރެންޑަމް ބާއްވައި، އަމިއްލަ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް، މޮރޮކޯއިން ބޭނުންވަނީ ހުޅަނގު ސަހަރާއަކީ އެގައުމުގެ ސިޔާދަތީ ބާރު ހިނގާ އަމިއްލަ ބިމެއްގެ ގޮތުގައި ބޭއްވުމަށެވެ. މޮރޮކޯއިން ހުށަހަޅަނީ ހުޅަނގު ސަހަރާއަށް ހަމައެކަނި އަމިއްލަ އިޚްތިޔާރު ނުވަތަ "އޮޓޮނޮމީ" ދިނުމަށެވެ. އެއީ މޮރޮކޯގެ ވެރިކަމުގެ ދަށުން އެ ސަރަހައްދުގެ ދާޚިލީ ކަންކަން އަމިއްލައަށް ބެލެހެއްޓޭނެ ނިޒާމެކެވެ.
މި ގަރާރު ފެއިލްވުމާ ގުޅިގެން، ހުޅަނގު ސަހަރާގެ މިނިވަންކަމަށް ވަކާލާތުކުރާ ޕޮލިސާރިއޯ ފްރަންޓުން ވަނީ، މި ގަރާރު ފާސްވިނަމަ ސުލްހައިގެ މަރުހަލާއިން މުޅިން ވަކިވާނެ ކަމުގެ އިންޒާރު ކުރިން ދީފައެވެ.




