ލީބިޔާގެ ސިޔާސީ މަސްރަހަށް ބޭރުގެ ގައުމުތަކުން ނުފޫޒު ފޯރުވައި، ވަކި ގޮތްތަކެއް މަޖުބޫރު ނުކުރުމަށް ރަޝިޔާއިން އދ. ގެ ސެކިއުރިޓީ ކައުންސިލްގައި އިންޒާރު ދީފިއެވެ. ރަޝިޔާއިން މި އިންޒާރު ދީފައިވަނީ ލީބިޔާގައި ހަރަކާތްތެރިވާ އދ. ގެ ސިޔާސީ މިޝަންގެ މުއްދަތު އިތުރު އެއް އަހަރަށް އާކުރުމަށް ސެކިއުރިޓީ ކައުންސިލްގައި ނެގި ވޯޓަށް ފަހުގައެވެ. އިނގިރޭސިވިލާތުން ހުށަހެޅި މި ގަރާރު ކައުންސިލްގެ 13 ގައުމެއްގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވި ނަމަވެސް، ރަޝިޔާ އާއި ގްރީސް އިން ވަކިކޮޅަކަށް ވޯޓު ނުދެއެވެ.
ރަޝިޔާއިން ބުނި ގޮތުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އުޅެނީ ލީބިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، އެގައުމުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވާށެވެ. ޚާއްޞަކޮށް ލީބިޔާގެ ވާދަވެރި ފަރާތްތަކުގެ މެދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްއެޅޭ ގޮތަށް، ބޭރުން ކަންކަން ކަނޑައަޅައި އަވަސްއަރުވާލައިގެން އިންތިޚާބުތައް ބޭއްވުމަށް މަޖުބޫރުކުރުމާ ރަޝިޔާއިން ދެކޮޅު ހަދައެވެ. ރަޝިޔާގެ މަންދޫބު ބާރުއެޅުއްވީ ލީބިޔާގެ މައްސަލައަށް ހައްލެއް ހޯދަންވާނީ އެގައުމުގެ ރައްޔިތުން އަމިއްލައަށް، ބޭރުގެ އެއްވެސް ނުފޫޒަކާ ނުލައި ކަމަށެވެ.
ލީބިޔާގައި 2011 ވަނަ އަހަރު މުއައްމަރުލް ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން އެގައުމު އޮތީ އިރުމައްޗާއި ހުޅަނގުގެ ވާދަވެރި ދެ ސަރުކާރެއްގެ މެދުގައި ބެހިފައެވެ. އދ. ގެ މިޝަންގެ މުއްދަތު 2027 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އިތުރުކުރީ ގައުމު އެއްބައިކޮށް އިންތިޚާބަކަށް ދިއުމަށް އެހީތެރިވުމަށެވެ.



