ދުނިޔޭގެ ބާޒާރުގައި ބޮޑުތަނުން އުފުލިފައިވާ ތެލުގެ އަގުތައް ތިރިކުރުމަށްޓަކައި، 3 ލައްކަ ޓަނަށްވުރެ ގިނަ ޑީސަލް ބައިނަލްއަގުވާމީ ބާޒާރަށް ވަގުތުން ފޯރުކޮށްދިނުމަށް ރަޝިޔާއިން ނިންމައިފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ދެމެދު ކުރެވުނު މުހިންމު މަޝްވަރާތަކަކަށްފަހު އެއްބަސްވެވުނު ކަމެކެވެ. މި ނިންމުމާ ގުޅިގެން، ރަޝިޔާގެ ޑީސަލް އެކްސްޕޯޓަށް ހުރަސްއަޅަން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ ވަގުތީ ލައިސަންސެއް ދީ، ވިޔަފާރީގެ ހުއްދަ ހުޅުވާލާފައެވެ.

މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ މާކެޓަށް ޑީސަލް ވިއްކުމުގައި އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދައެއް ނުކުރާނެއެވެ. ބޭނުންވާ ކޮންމެ ގައުމަކަށްވެސް ނުވަތަ ބައިނަލްއަގުވާމީ ކުންފުނިތަކަށް ސީދާ ރަޝިޔާގެ ހަކަތަ އުފައްދާ ކުންފުނިތަކުން މި ޑީސަލް ގަނެވޭނެއެވެ. އެމެރިކާއިން ދޫކުރި ލައިސަންސްގެ ސަބަބުން، ރަޝިޔާއިން ތެޔޮ ގަންނަ ގައުމުތަކާއި، އެ ތެޔޮ އުފުލައިދޭ ބޯޓުފަހަރާއި، އަދި އިންޝުއަރެންސް ކުންފުނިތަކަށް އެމެރިކާގެ ފިޔަވަޅުތަކުގެ ބިރެއް ނެތި ގާނޫނީ ހުއްދައިގެ ދަށުން މި ވިޔަފާރި ކުރިއަށް ގެންދިއުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

7 އެޕްރީލް 2027 ގެ ނިޔަލަށް ދީފައިވާ މި ވަގުތީ ހުއްދައިގެ ދަށުން ޑީސަލް ވިއްކާނީ ވަކި ފިކްސްޑް އަގެއްގައެއް ނޫނެވެ. މީގެ ކުރިން ހުޅަނގުން ރަޝިޔާގެ ޑީސަލްގެ އަގު ކޮންޓްރޯލް ކުރަން ކަނޑައަޅާފައި އޮތް "ޕްރައިސް ކެޕް" މަޑުޖައްސާލާފައިވާއިރު، މި ވިޔަފާރި ކުރިއަށްދާނީ ބައިނަލްއަގުވާމީ ބާޒާރުގެ މާކެޓް ރޭޓުންނެވެ.