ލީބިޔާގެ އައްސޭރިފަށުގައާއި ބޯލްޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ ރަޝިޔާގެ އަސްކަރީ އަދި ވިޔަފާރި އުޅަނދުތަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކާ ގުޅިގެން، އެކަމުގެ "ވަރަށް ހިތި ނަތީޖާ" ޔޫކްރެއިނަށް ފެންނާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ. ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް މޮސްކޯގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި، ޔޫކްރެއިންގެ މި އަމަލުތަކަކީ "ވަރަށް ނުރައްކާތެރި އޮއިވަރެއް" ކަމަށާއި މިއީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ސޯޝަލް މީޑިއާގައި އިއުލާން ކުރެއްވި ގޮތުގައި، ޔޫކްރެއިން ސިފައިން ވަނީ ކަނޑުއަޑިން ދަތުރުކުރާ ހަތް ޑްރޯން ބޭނުންކޮށްގެން ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިޔާގެ އެންމެ ޒަމާނީ އަސްކަރީ މަނަވަރު 'މާކިއުރީ' އަށް ހަމަލާދީ ފައްތާލާފައެވެ. އަދި މި ހަމަލާގައި އެ މަނަވަރުގައި އޮތް ކޭ.އޭ-27 މަރުކާގެ އަސްކަރީ ހެލިކޮޕްޓަރެއް ހަލާކުކޮށްލުމުގެ އިތުރުން، ރަޝިޔާއަށް ހަތިޔާރު އުފުލާ ބޯޓެއް ކަމަށްވާ 'އެމް.ވީ އަންގާރާ' އަށްވެސް ހަމަލާދީފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ލީބިޔާގެ އިރުމަތީ ސަރުކާރުން ވަނީ މި ހަމަލާގެ ސަބަބުން ލީބިޔާގެ ސިޔާދަތަށް އުނިކަން ލިބިފައިވާ ކަމަށް ބުނެ އދ. އަށް މައްސަލަ ހުށަހަޅާފައެވެ. ބެންޣާޒީ ބަނދަރުގައި ދިން މި ހަމަލާގައި ރަޝިޔާއާއި ލީބިޔާގެ 10 ފަޅުވެރިން ޒަޚަމްވެފައިވާ ކަމަށާއި، ބަނދަރުގެ ސަލާމަތީ ކަންކަން މިހާރު ވަރުގަދަކޮށްފައިވާ ކަމަށް ލީބިޔާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު ބޯލްޓިކް ކަނޑުގައި ރަޝިޔާގެ ކަލިނިންގްރާޑަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ސްޕާޓާ 2' އަށް ޑްރޯން ހަމަލާއެއް ދީ ރޯކޮށްލާފައިވާއިރު، އެ ހަމަލާގައި އެކަކު ޒަޚަމްވިއެވެ. ފިންލެންޑްގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެ ހަމަލާގެ ފަހަތުގައިވެސް ވަނީ ޔޫކްރެއިނެވެ. ރަޝިޔާއިން ވަނީ މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތައް ދެމުންދާނެ ކަމަށް ބުނެފައެވެ.



