ލީބިޔާގެ އިރުމަތީ ބިތުގައި އޮންނަ ބެންޣާޒީ ބަނދަރުގައި އަޅާފައި އޮތް ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، ބާރުގަދަ ގޮވުމަކާއެކު އަލިފާން ރޯވެއްޖެއެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ހަމަލާ އަމާޒުވެފައިވަނީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ކޯވެޓް މަރުކާގެ މަނަވަރެއް ކަމަށްވާ "މަރކިއުރީ" އަށެވެ. މި ހަމަލާގައި އެ މަނަވަރުގެ ބޮޑު ބައެއް ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައިވާއިރު، ފެންމަތިން ފެންނަން ހުރީ ހަމައެކަނި ބޯޓުގެ ކުރީކޮޅު އެކަންޏެވެ.
ލީބިޔާގެ މަސްދަރުތަކުން ބުނާ ގޮތުގައި، ފަތިހުގެ ވަގުތުގައި ދިން މި ހަމަލާގައި ލީބިޔާއާއި ރަޝިޔާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. ބެންޣާޒީގެ މަދަނީ ބަނދަރުގެ ތެރޭގައި ކަނޑުގެ ސިފައިންގެ މަރުކަޒާ ކައިރީގައި އަޅާފައި އޮތް މި ބޯޓުގައި ގިނަ އަދަދެއްގެ ހަތިޔާރާއި، ވަޒަނާއި ޑްރޯންތައް ހުރި ކަމަށް މަސްދަރުތަކުން ބުނެއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭ.ޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައި ވަނީ ލީބިޔާގެ ހުޅަނގު ބިތުގައި ޔޫކްރެއިންގެ ސިފައިން ހިންގާ މަރުކަޒަކުން ފޮނުވާލި ޔޫކްރެއިންގެ ކަނޑުގެ ޑްރޯންތަކަކުންނެވެ. މީގެ އިތުރުން، އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބެންޣާޒީގެ އައްސޭރިފަށުން ބޭރުގައި އޮތް މޯލްޓާގެ ދިދަ ޖެހި ވިޔަފާރި ބޯޓަކަށްވެސް ކަނޑުގެ ޑްރޯނަކުން ހަމަލާދީ ބޯޓުގެ ފަޅުވެރިންނަށް އަނިޔާވެފައިވެއެވެ.
ލީބިޔާގެ އިރުމަތީގައި އޮންނަ ސަރުކާރުން ބުނީ ރަޝިޔާގެ މަނަވަރު އެ ބަނދަރަށް މަޑުކުރީ ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން ތެލާއި ސާމާނު އެރުވުމަށް ކަމަށެވެ. އަދި ބެންޣާޒީގެ އައްސޭރިފަށަށް އަމާޒުވި އިތުރު 12 ކަނޑުގެ ޑްރޯނެއް އެ ޤައުމުގެ ވައިގެ އަދި ކަނޑުގެ ސިފައިން ގުޅިގެން ވައްޓާލައި ހަލާކުކޮށްލާފައިވާ ކަމަށްވެސް ލީބިޔާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.



