ރަޝިޔާގެ ވެރިރަށް މޮސްކޯގެ ދެކުނު ސަރަހައްދެއްގައި ކާރެއް ގޮއްވާލުމުގެ ސަބަބުން، ޔޫކްރެއިންގެ ކުރީގެ ބޮޑުވަޒީރު މިކޯލާ އަޒާރޯވްގެ ކުރީގެ މުޝީރަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ވަނީ ޖިނާއީ ތަހުގީގެއް ފަށައި، ހާދިސާ ހިނގި ސަރަހައްދަށް ޚާއްޞަ ޓީމެއް ފޮނުވާފައެވެ. ކުރީގެ ބޮޑުވަޒީރު އަޒާރޯވް ރަޝިޔާގެ މީޑިއާއަކަށް ވިދާޅުވީ، މި ގޮއްވާލުމުގެ ފަހަތުގައި ވަނީ ޔޫކްރެއިންގެ ޖާސޫސީ އިދާރާތައް ކަމަށް ތުހުމަތުކުރައްވާ ކަމަށެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، ޔޫކްރެއިނުން ވެސް މިކަމަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ
ރަޝިޔާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، މޮސްކޯގެ ޗެރްޓަނޯވޯ އަވަށުގެ ކިރޯވޮގްރަޑްސްކާޔާ މަގުން ދުއްވާފައި ދިޔަ އެސް.ޔޫ.ވީ ކާރުގެ ދަށުގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 72 އަހަރުގެ ނޫސްވެރިޔާ އަދި ސިޔާސީ މުޙައްލިލު ސަރްގޭ ޒަވޮރޮޓްނީއަށެވެ۔ މި ގޮވުމުގައި އޭނާގެ ވާއަތް ބުރިވެ، މޭކަށިގަނޑު ބިނދި، ބޮލަށާއި ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ކޯމާއެއްގައި ބާއްވައިގެންނެވެ۔ ތަހުގީގީ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، ގާތްގަނޑަކަށް 300 ގްރާމްގެ ޓީ.އެން.ޓީ ބޭނުންކޮށްގެން ހަދާފައިވާ މި އައި.އީ.ޑީ ބޮން ހަރުކޮށްފައި ހުރީ ކާރުގެ ޑްރައިވަރު ސީޓާ ދިމާ ތިރީގައި ދަގަތްފާނެއް ބޭނުންކޮށްގެންނެވެ۔
ފާހަގަކޮށްލެވޭ ގޮތުގައި، 2010 އިން 2014 އަށް ޔޫކްރެއިންގެ ބޮޑުވަޒީރުކަން ކުރެއްވި އަދި 2014 ގެ އިންގިލާބަށްފަހު ރަޝިޔާއަށް ފިއްލެވި މިކޯލާ އަޒާރޯވްގެ ތަރުޖަމާނަކަށް މަސައްކަތްކުރެއްވި ޒަވޮރޮޓްނީ އަކީ ރަޝިޔާގެ ޚާރިޖީ ޖާސޫސީ އިދާރާ (އެސް.ވީ.އާރު) ގެ ކުރީގެ އޮފިސަރެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ۔ އަދި މިއީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ރަޝިޔާގައި މިފަދަ ގޮތަކަށް ކާރު ބޮން ގޮއްވާލި ދެވަނަ ހާދިސާ ކަމަށްވާއިރު، ބުރާސްފަތި ދުވަހު ސެއިންޓް ޕީޓާސްބާގުގައި ކާރެއް ގޮއްވާލައި ރަޝިޔާ އަސްކަރިއްޔާގެ ކާނަލަކު ވަނީ މަރާލާފައެވެ۔



