ސްޕެއިނުގައި މި މަހުގެ 29 ވަނަ ދުވަހު ބާއްވާ އަވަސް އާންމު އިންތިޚާބުގެ ކެމްޕޭން އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މި އަވަސް އިންތިޚާބު އިއުލާނުކުރެއްވީ، މިދިޔަ އޮކްޓޯބަރު މަހު އެ ގައުމުގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހުށަހެޅި ގަރާރުތައް ޕާލަމެންޓުން ބޭރުކޮށްލުމާ ގުޅިގެންނެވެ.
ކެމްޕޭން ފެށުމުގެ ގޮތުން ސެވިލްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ސަންޗޭޒް ވަނީ، އޭނާގެ ސަރުކާރުން ގެނެސްދިން ޕެންޝަން ބޮޑުކުރުމާއި، އެންމެ ކުޑަ އުޖޫރަ އިތުރުކުރުން ފަދަ އިޖުތިމާޢީ ކުރިއެރުންތައް ދިފާއުކުރުމަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަނެއްކޮޅުން، އިދިކޮޅު ކޮންޒަވޭޓިވް ޕޮޕިއުލާ ޕާޓީ (ޕީ.ޕީ) ގެ ލީޑަރު އަލްބާޓޯ ނޫނޭޒް ފެއިހޯ އާއި ކަނާތުފިޔައިގެ ހަރުކަށި ވޮކްސް ޕާޓީގެ ލީޑަރު ސަންޓިއާގޯ އަބަސްކަލް ކެމްޕޭން ފައްޓަވަމުން ވިދާޅުވީ، ސްޕެއިނުގެ ބޯޑަރުތައް ހަރުކަށިކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގެދޮރު ކުއްޔަށް ދިނުން މަނާކޮށް، ސްޕެއިން ރައްޔިތުންނަށް އިސްކަންދޭނެ ކަމަށެވެ.
އިންތިޚާބުގެ ކުރިން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ޕާލަމެންޓުގެ 350 ގޮނޑީގެ ތެރެއިން އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 176 ގޮނޑިއަށްވުރެ އިތުރަށް، އިދިކޮޅު ޕީ.ޕީ އާއި ވޮކްސް ޕާޓީ ގުޅިގެން 190 ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.



