ޣައްޒާގައި ގަދަ ފިނީގެ ސަބަބުން އުމުރުން އެންމެ 9 މަހުގެ ފަލަސްތީނު ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ. މިއީ މި އަހަރުގެ ފިނި މޫސުމުގައި ޣައްޒާގައި ފިނީގެ ސަބަބުން މީހަކު ނިޔާވި ފުރަތަމަ ހާދިސާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ. ނިޔާވެފައި ވަނީ ކިނާން އަޙްމަދު އަރްޤީޤް ނަމަކަށް ކިޔާ ކުއްޖެކެވެ.
ކުވެއިތު ހޮސްޕިޓަލުން ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ބުރާސްފަތި ދުވަހު އެ ކުއްޖާ ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ. ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުވެފައިވާ ގޮތުގައި އެ ކުއްޖާ ނިޔާވީ ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް ދަށްވުމުގެ (ހައިޕޯތާމިއާ) ސަބަބުންނެވެ. ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ރޭގަނޑު ޓެންޓު ތެރޭގައި ނިދާފައި ތިއްބައި ހެނދުނު ހޭލިއިރު ކުއްޖާގެ ހަށިގަނޑު އޮތީ ފިނިވެގެން ނޫވެފައެވެ.
މި ނޮވެންބަރު 6 އިން 8 އަށް ޣައްޒާއަށް ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ، ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ އެތައް ހާސް ޓެންޓަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އ.ދ ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޣައްޒާގެ އާބާދީގެ 65 އިންސައްތަ (ގާތްގަނޑަކަށް 1.4 މިލިއަން މީހުން) އަދިވެސް ދިރިއުޅެމުންދަނީ ފިނިން ރައްކާތެރިކަން ނުލިބޭ ވަގުތީ ޓެންޓުތަކުގައެވެ. މިދިޔަ 2025 ވަނަ އަހަރުގެ ފިނި މޫސުމުގައި ވެސް ޣައްޒާގައި ފިނީގެ ސަބަބުން 10 މީހަކު ނިޔާވެފައިވާއިރު، އިޒްރޭލުން ޣައްޒާއަށް ފިނި މޫސުމުގެ ސާމާނު ވެއްދުމަށް ހުރަސްއަޅަމުންދާތީ ގިނަ ގައުމުތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


