މެދުއިރުމައްޗާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ތިބި އެމެރިކާގެ އޮފިޝަލުންނާއި ރައްޔިތުން އަވަހާރަކޮށްލުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ، އެފަދަ ނުރައްކާތެރި ރޭވުންތައް އަމަލީ ނުވަތަ އެންމެ ފަހުގެ މަރުހަލާއަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރު ޖޭ ކްލޭޓަން އިންޒާރު ދެއްވައިފިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ކްލޭޓަން ފޮނުއްވި ރަސްމީ މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެކި މަސްދަރުތަކުން ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކުން ދައްކާ ގޮތުން، އެމެރިކާގެ ޑިޕްލޮމޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށް އީރާނުން ދޭން ރާވާ ހަމަލާތަކުގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
2020 ވަނަ އަހަރު އެމެރިކާގެ ހަމަލާއެއްގައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ފަހުން، އީރާނުން ދަނީ އެމެރިކާގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް އެކި ރޭވުންތައް ރާވަމުންނެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގައި އީރަނުގެ ރޫޙާނީ ލީޑަރު ޚާމަނާއީ އަވަހަރަކޮށްލުމުން މި ނުރައްކާ ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
މި އިންޓެލިޖެންސް އިންޒާރުތަކާއި ގުޅިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ސައުދީ އަރަބިއްޔާ، ލުބުނާން، ޔޫއޭއީ، ގަތަރު އަދި އުރުދުން ފަދަ މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އެމްބަސީތަކުގެ ކޮންމެހެން ބޭނުންނުވާ މުވައްޒަފުންނާއި އާއިލާތައް އެ ގައުމުތަކުން ބޭލުމަށް އަންގާފައެވެ.
މީގެ އިތުރުން، ސަލާމަތީ ނުރައްކާތަކާ ހެދި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އިނގިރޭސިވިލާތުގައި ހުންނަ އަސްކަރީ މަރުކަޒުތަކުގައި އޮތް ބައެއް މަތިންދާބޯޓުތައްވެސް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި މެދުއިރުމަތީގެ ބައެއް އަސްކަރީ މަރުކަޒުތަކުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމުގެ މަސައްކަތްވެސް ޕެންޓަގަނުން ދަނީ ސިއްރިޔާތުގައި ކުރިއަށް ގެންދަމުންނެވެ.



