އެމެރިކާގެ އެއްވެސް އޮފިޝަލަކަށް އަމާޒުކޮށް އީރާނުން ހަމަލާއެއް ދީފިނަމަ، އެކަމުގައި ޒިންމާވާ ފަރާތްތައް ދުނިޔޭގެ ޗާޓުން ފޮހެލައި، އީރާން ފުނޑާލާނެ ކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ޓްރަމްޕް މި އިންޒާރު ދެއްވާފައި ވަނީ އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމަށް ބެލެވޭ ސީރިއަސް އިންޒާރުތަކަކާ ގުޅިގެން، އޭނާގެ ގެކޮޅު ދޫކުރައްވައި އަސްކަރީ މަރުކަޒަކަށް ބަދަލުވެވަޑައިގެންނެވި ހަބަރު ފެތުރުމާ ގުޅިގެންނެވެ.
އެމެރިކާގެ ސޭލަމް ނިއުސް ޗެނަލަށް ފޯނުން ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ފަދަ އެމެރިކާގެ އިސް އޮފިޝަލަކު އީރާނުން އަވަހާރަކޮށްލައިފި ނަމަ އެމެރިކާއިން އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން ނޫސްވެރިޔާ ސުވާލުކުރުމުން، ޓްރަމްޕް ވަނީ ވަރަށް ހަރުކަށި ރާގަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން އެފަދަ ކަމެއް ހިންގައިފިނަމަ އެ ބަޔަކު ދެން އިތުރަށް ދެމިނޯންނާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ތެހެރާނަށް ސީދާ އިންޒާރެއް ފޮނުއްވާފައެވެ. މީގެ އިތުރުން، އޭނާގެ ރިޔާސީ ދައުރު ނިމޭއިރުވެސް އީރާނުގެ މިހާރުގެ ވެރިކަން ބަދަލުނުވެ އޮވެއްޖެނަމަ އެއީ އެމެރިކާއަށް ލިބޭ ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޮޝިންޓަން ޑީސީގެ ޖޯޖްޓައުންގައި ހުންނަ ބެސެންޓްގެ ގެކޮޅުގެ މަތިން ނަގާފައިވާ ފޮޓޯއެއް އާންމުވުމާ ގުޅިގެން އޭނާގެ ސަލާމަތަށް އޮތް ނުރައްކާ ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން މި ހަފުތާގެ ކުރީކޮޅު ބެސެންޓް ވަނީ އޭނާގެ އަމިއްލަ ގެކޮޅު ދޫކުރައްވައި، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ. އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރު ޖޭ ކްލޭޓަންވެސް ދާދި ފަހުން ވިދާޅުވެފައިވަނީ، މެދުއިރުމައްޗާއި އެހެނިހެން ގައުމުތަކުގައި ތިބި އެމެރިކާގެ އޮފިޝަލުންނާއި ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ، ބައެއް ރޭވުންތައް އަމަލީ މަރުހަލާއަށް ގޮސްފައިވާ ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު މި އަހަރުގެ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، އީރާނުގެ އަސްކަރީ އިސް ކޮމާންޑަރުންވެސް ވަނީ ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ކިޔޫމަރްސް ހައިދަރީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވިދާޅުވީ، ދުނިޔޭގައި ދިރިތިބިހާ ހިނދަކު ޓްރަމްޕާއި ނަތަންޔާހޫ އަވަހާރަކޮށްލުމަށް އީރާނުން އޮތީ އަޒުމު ކަނޑައަޅައިގެން ކަމަށެވެ. އަދި އެމެރިކާއިން އަލުން ހަމަލާއެއް ދީފިނަމަ، މެދުއިރުމަތީގެ އިތުރުން ޔޫރަޕުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާދޭނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވަނީ އިންޒާރު ދެއްވާފައެވެ.
މި ބަހުގެ ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެކުވެރި ގައުމުތަކަށާއި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އީރާނުން ބިރުދައްކާނަމަ އަސްކަރީ ބާރުގެ ބޭނުންކުރަން އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ ތެޔޮ އުފުލާ އެންމެ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި މިހާރު އޮތީ އެއްކޮށް އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އީރާނުގެ ވެރިކަމުގެ ނިޒާމު ދަނީ ބަލިކަށިވެ ވެއްޓެމުން ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއިން އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އީރާން ހާސްކޮށްލަން މަސައްކަތް ކުރި ނަމަވެސް، އީރާނުން ދަނީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.



