އީރާނުން 60 އިންސައްތަ އަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް ތިންވަނަ ގައުމަކަށް ބަދަލުކުރުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ތެހެރާނުން ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާޤިރު ޤާލިބާފް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމާ މެދު ވޮޝިންޓަނުން ގޮތެއް ނިންމައި އެކަން އިއުލާނުކުރަން ޖެހޭނެ ކަމަށެވެ.
އެމެރިކާއިން ހުށަހަޅާފައިވަނީ އީރާނުގެ އަތުގައި ހުރި ގާތްގަނޑަކަށް 400 ކިލޯގްރާމަށްވުރެ ގިނަ 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ސްޓޮކް، ރަޝިޔާ ފަދަ ތިންވަނަ ގައުމަކަށް ގެންގޮސް ރައްކާކުރުމަށެވެ. ރަޝިޔާއިން ވެސް އެ ޔުރޭނިއަމްއާ ހަވާލުވެ ބެލެހެއްޓުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައިވީ ނަމަވެސް، އީރާނުގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ މުޙްސިން ރިޒާއީ ވިދާޅުވީ މުއްސަނދިކޮށްފައިވާ ނިއުކްލިއާ މާއްދާގެ އެންމެ ޒައްރެއްގެ މިންވަރު ވެސް ގައުމުން ބޭރުކުރުމުގެ ހުއްދަ ނުދޭނެ ކަމަށް މޮސްކޯއަށް އަންގާފައިވާނެ ކަމަށެވެ. އީރާނުން މި ހުށަހެޅުމަށް "ނޫނެކޭ" ބުނި މައިގަނޑު ސަބަބަކީ، ނިއުކްލިއާ ހަކަތައިން ދުއްވާ އާގުބޯޓުތަކާއި ސަބްމެރިންތައް ފަރުމާކޮށް އުފެއްދުމަށް އެ މާއްދާތައް އަމިއްލައަށް ބޭނުންވާތީއާއި، 2018 ވަނަ އަހަރު އެމެރިކާ އެއްބަސްވުމުން ވަކިވި ފަދައިން އަލުން ވަކިވެއްޖެނަމަ ގައުމުގެ ނިއުކްލިއާ ގާބިލުކަން ގެއްލިދާނެތީއެވެ.
ޤާލިބާފް އިތުރަށް ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ހުރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް ދެން ދުވަހަކުވެސް އެ ކަނޑުއޮޅި ރުޖޫޢަ ނުވާނެ ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި 7 ޝަރުތަށް އެމެރިކާއިން އަދިވެސް ރަސްމީ ޖަވާބެއް ދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން އީރާނުން ވަނީ އޮމާނާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް އެމެރިކާއަށް އިތުބާރު ނުކުރެވޭތީ ދާއިމީ އެއްބަސްވުމަކަށް އައުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ޤާލިބާފް ވިދާޅުވިއެވެ.



