އީރާނަށް ދީފާނެ އަސްކަރީ ހަމަލާއަކަށް ތައްޔާރުވުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން އެ ގައުމުގެ އަސްކަރިއްޔާއަށް އަމުރުކޮށްފިއެވެ. އިޒްރޭލުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ ކުރިއަށްވުރެ ބޮޑަށް ހޫނުވެ، އަލުން ފުޅާ ހަނގުރާމައެއް ފެށުމުގެ ބިރު އުފެދިފައެވެ.

އިޒްރޭލުގެ މި އަމުރަށް ރައްދު ދެއްވަމުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ވެރިޔާ އަޙްމަދު ވަޙީދީ ވިދާޅުވީ ބޭރުގެ ބިރުދެއްކުންތަކާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އީރާނުގެ މިސައިލް އުފެއްދުމުގެ ޕްރޮގްރާމް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ގައުމުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އިޒްރޭލާއި އެމެރިކާއިން އީރާނަށް އެއްވެސް ހަމަލާއެއް ދީފިނަމަ، ކުރިއަށްވުރެ މާ ވަރުގަދަ އަދި ފުޅާ ރައްދެއް ދޭނެ ކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފައެވެ. އީރާނުގެ ސަލާމަތީ މަޖިލީހުގެ ވެރިޔާ މުޙްސިން ރިޒާއީ އިއްޔެ ވިދާޅުވި ގޮތުގައި، އީރާނަށް ދޭ ހަމަލާތަކުގައި ބޭނުންކުރާ ޔޫރަޕްގެ އަސްކަރީ މަރުކަޒުތައް ހިމެނޭހެން ހުރިހާ ތަނަކީ އީރާނުގެ އަމާޒުތަކަކަށް ވާނެއެވެ.