ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް އިޒްރޭލު އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 6 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. ހޮސްޕިޓަލުގެ އައި.ސީ.ޔޫ އާއި އޮޕަރޭޝަން ވޯޑަށް އަމާޒުކޮށް ދިން މި ހަމަލާގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނެއެވެ.
މި ހަމަލާގެ ސަބަބުން ނާސިރު ހޮސްޕިޓަލުގެ އަލް-ޔާސީން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސާޖިކަލް ވޯޑުގެ ޚިދުމަތްތައް ވަނީ މުޅިން މެދުކެނޑިފައެވެ.
ހަމަމިއާއެކު، ޣައްޒާގެ އުތުރުގެ ޝައިޚް ރިޟްވާން އަވަށުގައި ހުރި ރެފިއުޖީ ޓެންޓުތަކަކަށް އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާގެ ވީޑިއޯ މަންޒަރުތައް ވަނީ އާންމުވެފައެވެ. ޓެންޓުތަކުގައި އަލިފާން ރޯވެ އެތައް ބަޔަކު ޝަހީދުވެފައިވާ މި ހަމަލާއާ ގުޅޭގޮތުން އިޒްރޭލު އަސްކަރިއްޔާއިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.


