ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ހުޅަނގު ފަރާތުގައި ހުންނަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްއަށް، އިސްރާއީލުގެ އަނިޔާވެރި ލަޝްކަރުން ވައިގެ މަގުން ދިން ނުރައްކާތެރި ޙަމަލާއެއްގައި ފަލަސްޠީނުގެ މަދުވެގެން ހަތަރު މީހުން ޝަހީދުވެއްޖެއެވެ.
މި ހިތާމަވެރި ޙާދިސާ ހިނގާފައިވަނީ ޚާން ޔޫނިސްގެ ހުޅަނގު ސަރަޙައްދުގައި ހުންނަ މި މައި ހޮސްޕިޓަލަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުގެ މަތިންދާބޯޓުތަކުން ދިން ވަރުގަދަ ބޮމުގެ ޙަމަލާތަކެއްގައެވެ.
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަޞަލް މަޢުލޫމާތު ދެއްވި ގޮތުގައި، އިސްރާއީލުގެ މި އަނިޔާވެރި ޙަމަލާ އަމާޒުވެފައިވަނީ ބަލިމީހުންނާއި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދެމުންދިޔަ އަދި ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުންނެއް ހިޔާވަހިކަން ހޯދަމުންދިޔަ ނާޞިރު މެޑިކަލް ކޮމްޕްލެކްސްގެ ސަރަޙައްދަށެވެ. މި ޙަމަލާގައި ހަތަރު މީހުން ޝަހީދުވުމުގެ އިތުރުން، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ޣައްޒާގެ ޞިއްޙީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހުއްޓުމެއްނެތި ޙަމަލާތައް ދެމުންދާއިރު، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ މިފަދަ ޖަރީމާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު މިހާރު ވަނީ މުޅިން ފުނޑުފުނޑުވުމުގެ ތުންފަތްމަތީގައެވެ. ނާޞިރު ހޮސްޕިޓަލަކީ ޣައްޒާގެ ދެކުނުގައި މިވަގުތު ޚިދުމަތް ދެމުންދާ އެންމެ މުހިންމު އެއް ހޮސްޕިޓަލް ކަމުގައިވާއިރު، މިފަދަ ޙަމަލާތަކުގެ ސަބަބުން ކުށެއްނެތް ޢާންމު ރައްޔިތުންނަށް ޞިއްޙީ ފަރުވާ ލިބުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.



