ޣައްޒާގައި ފޭލިގެތަކެއްގެ މައްޗަށް ވެލިގަނޑު ކަނޑައިގެން ގޮސް 5 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގަިއ 4 ކުޑަކުދިން ވެސް ހިމެނެއެވެ.
މި ހާދިސާ އާއި ގުޅިގެން ހަމާސް ޖަމާއަތުން ބުނީ މިކަމުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން ކަމަށެވެ. ސަބަބަކީ މިހާދިސާ ހިނގީ އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން އަމިއްލަ ގެދޮރު ގެއްލިގެން ހިޔާވަހިކަން ހޯދުމަށް ޓެންޓު ޖަހައިގެން ތިއްބާ ކަމަށާއި، މި "ކާރިސާ" އަކީ އިސްރާއީލުގެ ޒިއޮނިސްޓް ރެޖީމުން ޣައްޒާގެ ރައްޔިތުންނާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސީދާ ނަތީޖާއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ހުރިހާ މުޞީބާތެއްގެ ފަހަތުގައިވަނީ އިސްރާއީލް ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
ހަމާސްއިން ބުނިގޮތުގައި މި ާދިސާ ހިނގީ ޑެއިރް އަލް-ބަލާޙްގައެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީއާއި ބިނާކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުން މަނާކުރުމާއި، ގެދޮރު ހަލާކުކޮށްލުމުގެ ސަބަބުން ރައްޔިތުންނަށް މަޖުބޫރުވީ ނުރައްކާތެރި ސަރަޙައްދުތަކުގައި ފޭލިގެ ޖަހައިގެން ދިރިއުޅޭށެވެ. މިއީ ވިއްސާރައިގެ ސަބަބުން ހިނގި ކަމެއް ނަމަވެސް، ޙަޤީޤީ ސަބަބަކީ އިސްރާއީލުގެ ބަންދުކުރުންތަކެވެ.



