އިޒްރޭލު ސިފައިން ގައްޒާގެ އެކި ސަރަހައްދުތަކަށް މިއަދު ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއްގައި ފަލަސްތީނުގެ 8 މީހުން ޝަހީދުވެއްޖެ ކަމަށް ހޮސްޕިޓަލްތަކުންނާއި ހަބަރުތަކުން ބުނެފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. މީގެ އިތުރުން ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ގައްޒާގެ ދެކުނުން ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދަށާއި، އުތުރުން ގައްޒާ ސިޓީގެ ރިމާލް އަވަށަށެވެ. އަލް-މަވާސީގައި ދިން ހަމަލާގައި އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ފުލުހުންގެ ބަޔަކަށް އަމާޒުކޮށް 5 މީހުން ޝަހީދުކޮށްލާފައިވާއިރު، އިޒްރޭލުން ބުނީ އެމީހުން ހަމަލާދިނީ ހަނގުރާމަވެރިއަކަށް ކަމަށެވެ. އަދި ރިމާލް އަވަށަށް ދިން ހަމަލާގައި ކުޑަކުއްޖާ ހިމެނޭހެން 3 މީހުން ވަނީ ޝަހީދުވެފައެވެ
މިކަމާ ގުޅިގެން ހަމާސް ޖަމާއަތުން ބުނީ، އާންމުންގެ ސަލާމަތަށް މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ގައްޒާގައި ހަމަނުޖެހުން އުފައްދައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމަށް ހިންގާ ހަނގުރާމައިގެ ކުށްތަކެއް ކަމަށެވެ.
އެމެރިކާ މެދުވެރިވެގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.




