އިސްރާއީލުގެ އާންމު އިންތިޚާބުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީ (ސީއީސީ) އިން ނެރެފައިވާ އެންމެ ފަހުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީ އިސްވެ އޮންނަ ކަނާތު ފިޔާގެ ކޯލިޝަނަށް ލިބެނީ 55 އާއި 56 އާ ދެމެދުގެ ގޮނޑީގެ އަދަދެކެވެ. ސިފައިންނާއި ރިޒާވް ފޯސްގެ މެދުގައި ވޯޓުލީ މީހުންގެ ނިސްބަތް 79.9 އިންސައްތައަށް މަތިވެފައިވާއިރު، އެންމެ ފަހުން ގުނާ މި ވޯޓުތަކުން ނަތަންޔާހޫގެ ބްލޮކަށް އިތުރު ގޮނޑިއެއް ކާމިޔާބު ކުރެވުނު ނަމަވެސް، ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ ސާފު އަޣްލަބިއްޔަތެއް އޭނާއަކަށް ނުހޯދޭނެއެވެ. ނަތަންޔާހޫގެ ލިކޫޑް ޕާޓީން 28 ގޮނޑިއާއެކު ވަކިވަކި ޕާޓީތަކުގެ ތެރެއިން އެންމެ ކުރީގައި އޮތް ނަމަވެސް، މުޅި ބްލޮކަށް އަޣްލަބިއްޔަތު ނުލިބުމުން އޭނާގެ ސިޔާސީ މުސްތަގުބަލު މިހާރު ވަނީ ނާޒުކު ފާލެއްގެ މަތީގައެވެ.
މި އިންތިޚާބުގައި ނަތަންޔާހޫގެ މައިގަނޑު ވާދަވެރިޔާ ގާޑީ އެއިސެންކޮޓްގެ "ޔާޝާރް" ޕާޓީ އިސްވެ އޮންނަ އިދިކޮޅު ބްލޮކަށް ލިބިފައިވަނީ 49 ގޮނޑިއެވެ. އެއްވެސް ބޮޑު ކޯލިޝަނަކަށް ސަރުކާރު ހެދޭނެ ވަރުގެ އަދަދެއް ހަމަނުވުމާއެކު، މި ފަހަރުގެ އިންތިޚާބުގެ މުޅި ބާރު މިހާރު ވަނީ ފަލަސްތީނު/އަރަބި ދަރިކޮޅުގެ ޕާޓީތަކުގެ އަތްމަތީގައެވެ. އަރަބި ރައްޔިތުން ރެކޯޑް އަދަދަކަށް ވޯޓުލާން ނުކުތުމުގެ ސަބަބުން، 'ޖޮއިންޓް ލިސްޓް' އާއި މަންސޫރު އައްބާސްގެ 'ރާޢަމް' ޕާޓީ ގުޅިގެން 16 ގޮނޑި ކާމިޔާބުކޮށް، އިންތިޚާބުގެ "ކިންގްމޭކަރުން" ގެ މަގާމަށް ވަނީ އައިސްފައެވެ.
ސުވާލަކީ މަންސޫރު އައްބާސް އާއި ނަތަންޔާހޫ އެއްގަލަކްށް އަރާނެތޯއެވެ؟ މާޒީގައިވެސް އަދި މިހާރުވެސް އެއި ސިޔާސީ ދެހަތުރުންނެވެ. ޖޫން 2021 ގައި ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އުފެއްދި "ޗޭންޖް ކޯލިޝަން" ސަރުކާރުގައި މަންސޫރު އައްބާސް ބައިވެރިވެވަޑައިގަތެވެ. މި ސަރުކާރުގެ ބޮޑުވަޒީރުކަން ފުރަތަމަ ކުރެއްވީ ކަނާތުފިޔައިގެ ލީޑަރު ނަފްތާލީ ބެނެޓް އެވެ. މިހާރުވެސް މަންސޫރު އައްބާސް ގޮވަމުންދަނީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގާއިމްކުރުމަށެވެ.
ވެރިކަމުގެ ކޯލިޝަން އެކުލަވައިލުމުގެ ފުރުސަތު ބޮޑީ ކޮން ބަޔަކަށްތޯ ނިންމުމުގެ ބާރު އަރަބި ޕާޓީތަކަށް ލިބިފައިވާއިރު، ނަތަންޔާހޫ ވަނީ އަރަބި ޕާޓީތަކާއެކު އިއްތިހާދުވުމަކީ "މަނާކަމެއް" ކަމަށް ބުނެ އެކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް އިދިކޮޅު ލީޑަރު އެއިސެންކޮޓަށް ސަރުކާރެއް އުފެއްދެން އޮތީވެސް އަރަބި ޕާޓީތަކުގެ ބޭރުގެ ތާއީދާއެކުގައެވެ. ވޯޓުގެ ރެކޯޑް ނިސްބަތެއް ހުރި ނަމަވެސް، އެއްވެސް ބަޔަކަށް ސާފު އަޣްލަބިއްޔަތެއް ނުލިބުމުގެ ސަބަބުން އިސްރާއީލު މިހާރު ވަނީ ސިޔާސީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.




