އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އެމެރިކާއިން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި، އެގައުމުގެ ޓެކްސް ދައްކާ މީހުންގެ ފައިސާއިން 11 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އީރާނުގެ އެންމެ މަތީ ޑިޕްލޮމެޓް މިހެން ވިދާޅުވީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަރާގްޗީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލު ދިފާއުކުރުމަށްޓަކައި އެމެރިކާއިން ވަނީ އިސްރާއީލުން އަމިއްލައަށް ފޮނުވާލި ވަރަށްވުރެ ގިނަ އިންޓަރސެޕްޓަރ (މިސައިލް ވައްޓާލާ މިސައިލް) ބޭނުންކޮށްފައެވެ. މިއީ އެމެރިކާގެ އަސްކަރީ އެހީތެރިކަން އިސްރާއީލަށް އިންތިހާއަށް ބޮޑުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އިސްރާއީލާ ދެމެދު އޮތް ގުޅުމަށް ފާޑުވިދާޅުވަމުން އަރާގްޗީ ވިދާޅުވީ، މިއީ ދެގައުމުގެ ދެމެދުގައި އޮތް ރަމްޒީ ނުވަތަ އާދައިގެ ގުޅުމެއް ނޫން ކަމަށެވެ. ބަދަލުގައި މިއީ އެއްބަޔަކު އަނެއްބައެއްގެ ފަރާތުން ނާޖާއިޒު ފައިދާ ނަގާ، "ޕެރަސައިޓިކް" ގުޅުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.


